ކ. ތިލަފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާ އެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އިއްޔެ ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަަކަށް އައިސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ބަނގުރާ ގެންގުޅޭ މައްސަލަތައް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ކުށުގެ ވެށިން ހައްޔަރުކުރާ ބިދޭސީންނަށް އެކަށީގެންވާ އަދަބު ނުދީ ޑީޕޯޓްކޮށްލާ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައްވެސް ގިނަކަން ފާހަގަ ކޮށްލެވެއެވެ.