ހުޅުމާލެގެ މުނިސިޕަލް ހިދުމަތްދިނުން ސިޓީ ކައުންސިލްގެ ދަށަށް ގެންދަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް މި ހުރިހާ ދުވަހު ނުލިބި އޮތް އެއްބާރުލުން ދެން އަންނަ ވެރިކަމުގެ ތެރޭގައި ފުރިހަމަ އަށް ދެއްވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރާއި ބައި ތެރޭގައި ކައުންސިލުން ބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ހަގީގީ މާނައިގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށާއި ކޮންމެ ކައުންސިލެއްގެ ވެސް ހުރިހާ މަސައްކަތްތަކެއް އެންމެ ބާރު މިނުގައި ކުރިއަށް ގެންދެވޭ ގޮތަށް ސަރުކާރުން ކަންކަން ފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން ނިޔާޒު ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ހިދުމަތްދިނުން ސިޓީ ކައުންސިލް ދަށަށް ގެންދަން ޖެހޭކަން ހުޅުމާލޭގެ ނަތީޖާއިން ވެސް ފެންނަ ކަމަށެވެ. އަދި އާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައި އެކަން ހިމަނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ނިޔާޒު ވަނީ ވިދާލުވެފައެވެ.
ނިޔާޒު އެފަދައިން ވިދާޅުވެފައިވާއިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހުޅުމާލެ ހިމަނަން މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ އެކަމަށް އެދެވޭ ނަތީޖާ ނުލިބުނު ތަނެވެ.