ގޯސް އިންޓެލިޖެންސްގެ މައްޗަށް ކަންކަން ނިންމުމަކީ ސަރުކާރު ބަލިކަށިވާ ކަމެއް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިދަފައިން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޕްރެސްގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގޯސް އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް ކަންކަން ނިންމުމަކީ ސަރުކާރު ވަރަށް ބޮޑު ބަލިކަށިވާ ކަމެއް ކަން ފާހަގަ ކުރައްވާ އަލީ ނިޔާޒް ވިދާޅުވީ ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތު ރައީސް މުއިއްޒު ދެއްވި މައުލޫމާތަކީ "ބުހުތާނު ދޮގެއް" ކަމަށެވެ. އަދި އެގޮތަށް ލިބޭ އިންޓެލިޖެންސްގެ މައްޗަށް ގައުމުގެ އެންމެ އިސްވެރިޔާ ވާހަކަ ދެއްކުމަކީ ވިސްނަވަން ޖެހޭ ކަމެއް ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ވެސް ގޯސް އިންޓެލިޖެންސްގެ މައްޗަށް މަސައްކަތް ކުރެއްވުމުން ލިބުނު ނަތީޖާ ފެންނަން އެބަހުރި ކަމަށާއި އިންޑިއާއާ ގުޅުވާ ރައީސް ދެއްކެވި ވާހަކަފުޅުތައް ކުށްވެރި ކުރައްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެކަމުން އެނގިގެން ދަނީ މި ސަރުކާރުން އިންޑިއާ ދެމެދު ގެންގުޅޭ ސިޔާސަތުކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ ގައުމީ މަސްލަހަތަށް އަދި މި ސަރަހައްދުގެ މަސްލަހަތަށް އެމްޑީޕީއިން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އިންޑިއާ ސަފީރާ ބައްދަލު ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ 3 މެންބަރުން ( ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް) އިންޑިއާގެ ސަފީރާ ބައްދަލު ކުރެއްވި ކަމަށް ބުނާ ދުވަހު ބައްދަލުކޮށްފައި ނުވާނެ ކަމަށް ވެސް ހުސައިން ޝަހީމް ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ޕާލިމެންޓްރީ ގްރޫޕުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ވަރަށް ގިނަ މެންބަރުންނަށް ފޯނުން ވާހަކަ ދެއްކުމާއި ޕާޓިގެ އެތެރޭގެ މަސައްކަތްތައް ކުރުމަށް ޕާޓީގެ އޮފީހުގައި އެ ދުވަހު މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރައީސް އިންޓެލިޖެންސް ލިބިވަޑައިގެންފައި އޮތީ ގޯސްކޮށް ކަމަށާއި ރައީސް އެހެން ވިދާޅުވެވުނީ ކުށް މައުލޫމާތެއްގެ މައްޗަށް ކަމަށެވެ.
އެ 3 މެންބަރުން އިންޑިއާ ސަފީރާ ބައްދަލު ކުރެއްވި ކަމަށް ރައީސް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި މަޖިލިސްގެ ދެ މެންބަރަކު ބޭރުގެ ސަފީރަކާ ވަރަށް ގިނަ ވަގުތު ހަވީރުން ފެށިގެން ރޭގަނޑުވަންދެން ހުޅުމާލޭގަ ހުންނަ އަމީން އެވެނިއުގެ ކޮންމެވެސް ތަނެއްގަ ބައްދަލުކޮށްފަ ފައިބައިގެންދާ ތަނުގެ ފޮޓޯ އެބަ އުޅޭ،" ކަމަށެވެ.
އަދި އެ ބައްދަލުކުރެއްވުމަކީ ގައުމީ ވިސްނުމެއްގައި ބޭއްވި، އަދި ހާލަތު އޮތް ގޮތުން ގައުމު ހަމަމަގަށް އެޅުއްވުމުގައި ރައީސް ކުރައްވާ މަސައްކަތުގައި ބައިވެރިވުމާ ބެހޭ ބައްދަލުވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.