މާލެ މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރަން އެމްޑީޕީ ސަރުކާރުން އެދުނު ނަމަވެސް އެކަން ނުވާނެ ކަމަށް އޭރުގެ މާލެ ސިޓީ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލޭގެ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައެވެ. އެ ނިންމެވުމާ އެއްގޮތަށް، ކައުންސިލްގެ ދަށަށް މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
އެ ބަދަލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ކަން ފާހަގަ ކުރައްވާ ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރި ނަމަވެސް އެއްވެސް މުވައްޒަފަކަށް މުސާރަ، އިންޝުއަރެންސް އަދި މިހާރު ލިބޭ އިނާޔާތްތައް 1 އަހަރު ފުރިހަމަ ވިޔަސް އުނި ނުކުރައްވާނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވާ އެމްޑީޕީގެ މެންބަރު ނިޔާޒް ވިދާޅުވީ، ނިމިދިޔަ ރައީސް ސޯލިހުގެ ސަރުކާރުންވެސް އެ ހައްލު މަނިކުފާނު މޭޔަރު ކަމުގެ ދުވަސްވަރު ހުށަހެޅުއްވި ނަމަވެސް އޭރު އެކަމަށް އިޖާބަ ދެއްވާފައި ނުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލް މޭޔަރުގެ އިންތިހާބާ ގުޅިގެންވާ ވައުދަކަށް ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
"އޭރު ނުވާނެކަމަށް ވިދާޅުވިޔަސް މިހާރު އެކަން ކުރެވޭނެ މަގެއް ދެއްކިވީތީ ޝުކުރިއްޔާ.ހަމައެކަނި ކުރިއަށް އޮތް މޭޔަރ އިންތިޚާބް އާ ދިމާކޮށް ވީ ވައުދަކަށް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު" ނިޔާޒް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ދަށަށް އެޗްޑީސީން ދެމުންދާ މުނިސިޕަލް ހިދުމަތްތައް ގެނައުމަކީ ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. މޭޔަރުކަން ކުރެއްވި އިރު ވެސް ރައީސް ވަނީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެސްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.
މި މައްސަލައިގައި އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލުތަފާތުވުން އުފެދި ބޮޑު ކޯޅުމަކަށް ދިޔައެވެ. ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭ ހިމެނޭ ތަނެއް ކަމަށާއި، ސަބަބަކީ ކައުންސިލަރުންނަކީ ރައްޔިތުން ހޮވާފައި ތިބި ބަޔަކަށް ވާތީ ކަމަށެވެ. ނަމަވެސް އެޗްޑީސީން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި، އެ ކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.
ކައުންސިލުން ވަނީ މި މައްސަލައިގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ވެސް ކޮށްފައެވެ. އެކަމަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ އެޗްޑީސީ އާ އެއްކޮޅަށެވެ.