ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަބީމަންޔޫ ބިރްލާގެ ރޯލު ކުޅޭ ހަރްޝަދް ޗޯޕްޅާ ސީރީޒް އިން ވަކިވާން އުޅޭ ކަމުގެ އަޑު ފެތުރެން ފަށައިފިއެވެ.

މި ހަބަރު މީގެ ތަންކޮޅެއް ކުރިންވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމަށް ބުރަވެވެން ނެތުމުން އެ ވާހަކަ އެދުވަސްކޮޅު ހިނދުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ވާހަކަ ދެކެވެން ފެށީ މި ޑްރާމާގެ އާ ޕްރޮމޯގެ ސަބަބުންނެވެ. އެ ޕްރޮމޯ އިން ފެނިގެންދަނީ އަކްޝަރާ އާއި އަބީމަންޔޫ ކައިވެނިކުރާ ދުވަހު ކައިވެނިކުރަން ތައްޔާރުވެގެން އަކްޝަރާ ހުންނަތަނެވެ. ދަރިފުޅު އަބީރް އާއި ވާން އުޅޭ ފިރިމީހާ އަބީމަންޔޫ ނައިސްގެން ލަސްވާން ފެށުމުން އަކްޝަރާ ހާސްވާ މަންޒަރެވެ. ދެން ދައްކަނީ އަބީރް އާއި އަބީމަންޔޫ ދުއްވަން އިން ކާރު އެކްސިޑެންޓްވާ މަންޒަރެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި އެކްސިޑެންޓުގައި އަބީމަންޔޫ ސަލާމަތެއް ނުވާނެއެވެ. މި ހާދިސާ އާއެކު ހަރްޝަދް މި ޑްރާމާ އިން ވަކިވާނެއެވެ.

ޑްރާމާގައި މިހާރު އަކްޝަރާ އާއި އަބީމަންޔޫ ކައިވެނިކުރަން އޮތް ދުވަހު އަކްޝަރާ އަށް އޭނާ ބަނޑުބޮޑުކަން އެނގެއެވެ. މަރުވެފައިވާ ކުރީގެ ފިރިމީހާ އަބީނަވް ގެ ދަރިއަކަށް ބަލިވެ އިން ވާހަކަ އަބީމަންޔޫ ގާތު ބުނެއެވެ. ނަމަވެސް އަބީމަންޔޫ އަކްޝަރާ އާއި ކައިވެނިކުރަން ބޭނުންވެއެވެ. އަދި ދަރިފުޅަށް އޭނާގެ ނަން ދޭން ބޭނުންވެއެވެ.