ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަރްމާން އާއި އަބީރާ ވަރިވެ، ރޫހީ އާއި އަރްމާން ކައިވެނިކުރަން އުޅޭކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
އަރްމާން އާއި އަބީރާގެ ކައިވެންޏަށް ކޯޓުން 15 ދުވަހުގެ މުހުލަތެއް މިހާރު ދިމާވެފައިވާއިރު ރޭގެ އެޕިސޯޑު ނިމިގެންދިޔައީ އަރްމާންގެ މަންމަ ގާތު ރޫހީ، އަރްމާން ދެކެ ލޯބިވާ ވާހަކަ ބުނާ ހިސާބުންނެވެ. އަދި އަރްމާންގެ މަންމަ ވިދްޔާ ބޭނުންވީ ރޫހީ އާއި އަރްމާން ކައިވެނިކުރުމަށެވެ. ކޯޓުގައި އަރްމާންގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވުމަށްފަހު އަބީރާ އަރްމާން ގާތުން ވަރިވާން ނިންމީ އަރްމާންގެ މާމަގެ ސަބަބުންނެވެ. އަބީރާ އަށް ބިރުދެއްކުމަށްފަހު ކޯޓުގައި ދޮގު ވާހަކަތަކެއް ދެއްކުމަށް މާމަ އެދުނެވެ. އަރްމާނަށްޓަކައި އަބީރާ ދޮގު ހަދައެވެ.
ދެން ކަންތައް ވާނީ ކިހިނެއް؟
މަނޯޖް އާއި މަނީޝާ ކަންބޮޑުވެ ހާސްވާން ފަށަނީ އަބީރާ ގެއިން ނުކުންނަން އުޅޭތީއެވެ. ކޯޓުގައި އެހާ ބޮޑު ދޮގު ހުވައެއް ކުރަން އަބީރާ އަށް ކެރޭނެއޭ އެމީހުންގެ ހިތެއް ނުބުނެއެވެ. އެހެންވެ އަބީރާ ދޮގު ހެދި ސަބަބު ހޯދަން މަނޯޖް އާއި މަނީޝާ މަސައްކަތްކުރެއެވެ. އަރްމާން އާއި އަބީރާ ވަކިވުމުން ރޫހީގެ އެދުމަށް ވިދްޔާ އެދެމީހުން ކައިވެނިކުރުވަން ބޭނުންވެއެވެ. ސުވާލަކީ އަރްމާނަށް އަބީރާ އާ ދުރުގައި ހުރެވޭނެބާވައެވެ؟ ރޫހީ އަށް އޭނާގެ ލޯބި ލިބޭނެބާވައެވެ؟
2012 ވަނަ އަަހަރު ފެށި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ އޭރު ލީޑު ތަރިއަކީ ހީނާ ހާން (އަކްޝަރާ) އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) ލީޑު ރޯލުން ފެނިގެންދިޔައިރު ފަހުގެ ޖެނެރޭޝަންގައި ނައިރާގެ ދަރިފުޅު ޕްރަނާލީ (އަކްޝަރާ) ލީޑު ރޯލުން ފެނިގެން ދިޔައެވެ. މިދިޔަ ނޮވެމްބަރު މަހު ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ) އާއެކުގައެވެ.