ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ އެންމެ ފަހުގެ އެޕިސޯޑުތައް ވަރަށް ޝައުގުވެރިއެވެ.

އަކްޝަރާ ގޮއެންކާގެ ދަރިފުޅު އަބީރާ ޝަރުމާ އާއި ޕޮއްޑާރު އާއިލާގެ އަރްމާން ޕޮއްޑާރު ކައިވެނިކުރި މަންޒަރު މީގެ ކުރީ އެޕިސޯޑުތަކުން ވާނީ ފެނިފައެވެ. އަރްމާން ލޯބިވަނީ މަނީޝް ގޮއެންކާގެ ކާފަ ދަރިއެއްކަމަށްވާ ރޫހީ ގޮއެންކާ ދެކެވެ. އެކަން މުޅި އާއިލާއަށް ވެސް ސިއްރުކޮށްގެން އުޅެމުން ގެންދިޔައެވެ. ކަންތައްތައް ބަދަލުވެ ރޫހީ އާއި އަރްމާންގެ ކޮއްކޮ ރޯހިތު ޕޮއްޑާރު އާ ކައިވެނިކުރެއެވެ. އަދި ދެ އާއިލާ އަށްވެސް އަރްމާން އާއި ރޫހީގެ ލޯބީގެ ވާހަކަ ސިއްރު ކުރެއެވެ. ނަމަވެސް ރޯހިތު އަށް ރޫހީގެ ހަގީގަތް ފަޅާއަރައެވެ. ހިތަށް ކެތްނުވެގެން ރޯހިތު ގެއިން ނުކުމެގެން ދިޔައީ އާ އަހަރުގެ ޕާޓީތެރެއިންނެވެ. އަބީރާ އާއި ރޯހިތުގެ ބައްޕަގެ މަސައްކަތުން ރޯހިތު ހޯދުމަށްފަހު އަބީރާ، ރޯހިތު އާ ވާހަކަ ދައްކައެވެ. އަދި ރޯހިތު ގެއަށް އަންނަން ނިންމައެވެ. ނަމަވެސް ގެއަށް ނާދެވި އުޅެނިކޮށް ރޯހިތު ގެއްލެއެވެ. އޭނާ ނުފެނި ގިނަ ދުވަސްވުމާއެކު ރޯހިތު މަރުވީކަމަށް މަނީޝްމެން ނިންމާ ރޫހީ އަލުން އަނބުރާ ގެއަށް ގެންނަން މަސައްކަތްކުރެއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވެއެވެ. ރޯހިތު ގެއްލުމާއެކު މުޅި އާއިލާ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭއިރު އަބީރާގެ ހިތަށް ފިނިކަން ގެނެސްދެނީ ގާނޫނީ ވަކީލަކަށް ވުމަށް އެޅި ފުރަތަމަ ފިޔަވަޅުގެ އިމްތިހާނުން ފާސްވުމާއެކުގައެވެ.

ދެން ވާނީ ކިހިނެއް؟

ޕޮއްޑާރު އާއިލާ އަކީ ޝާހީ އާއިލާއެއްކަމުން އެގެއަށް ނިސްބަތްވާ އަދި އެގޭ ފިރިހެން ދަރިންނާ ކައިވެނިކޮށްގެން އަންނަ އަންހެން ދަރިން ކިޔަވުމުގެ އިތުރުން ވަޒީފާތަކަށް ނުފޮނުވައެވެ. އެކަން ދާދީސާ މަނާކޮށްފައިވީ ނަމަވެސް އަބީރާގެ ހަމައެކަނި ހުވަފެނަކީ މަންމަ އަކްޝަރާ ފަދައިން މޮޅު ވަކީލަކަށްވުމެއެވެ. އަދި އަރްމާންގެ މެންޓާ އަކްޝަރާގެ ފަހުގެ ވަސިއްޔަތަކަށްވެސްވީ އަބީރާ އާ ކައިވެނިކޮށް އޭނާގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން މަސައްކަތްކުރުމެވެ. ޕޮއްޑާރު އާއިލާ އިން އަބީރާ ވަގަށް ނުކުންނަން މަސައްކަތް ކުރާ މަންޒަރު ކުރިއަށް ހުރި އެޕިސޯޑުތަކުގައި ފެނިގެންދާނެއެވެ. އަދި ގެއިން ފިލަން އުޅެނިކޮށް ރޫހީ އާއި އަރްމާނަށް އެތަނަށް އާދެއެވެ. އައިސް އަބީރާ ހުއްޓުވައެވެ. ނަމަވެސް އަބީރާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މޮޅު ޕްލޭނެއް ހެދުމަށްފަހު ފިރިމީހާ އަރްމާން ގާތު އެއްބަސްތޯ އަހާނެއެވެ. އަދި އަރްމާން، އަބީރާގެ ޕްލޭނަށް ތާއީދުކުރެއެވެ. ރޫހީ، އަބީރާ ދެކެ ނަފްރަތު ކުރެއެވެ. އޭނާގެ ކިޔެވުމަށް ހުރަސް އަޅަން މަސައްކަތްކުރެއެވެ.