ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ދެ ކާސްޓުން އެ ޝޯ އާ ވަކިކޮށްފިއެވެ.
ޕްރަތިޝްކާ އާއި ޝެހްޒާދާ ދާމީ އެ ޝޯ އިން ވަކިކުރިކަން ޑްރާމާގެ ޕްރޮޑިއުސަރު ރާޖަން ޝާހީ ވަނީ ކަށަވަރުކޮށްދީފައެވެ. ޑްރާމާގައި އަރްމާން ޕޮއްޑަރުގެ ރޯލު ކުޅޭ ޝެހްޒާދު ޝޯ އިން ވަކިކުރީ ޑްރާމާގެ ކްރޫ އާ މެދު އަމަލުކުރާގޮތް ކަމުނުދިޔުމުގެ ސަބަބުންނެވެ. އަދި ރޫހީ ގޮއެންކާގެ ރޯލު ކުޅޭ ޕްރަތިޝްކާ ޝޯ އިން ވަކިކުރީ އެ ކެރެކްޓާ ކުޅެންޖެހޭ އެންމެ ފުރިހަމައަށް ނުކުޅެވި އެ ކެރެކްޓާ އޯޑިއަންސަށް ޑެލިވާނުކޮށްދެވުމުގެ ސަބަބުންނެވެ. ޝެހްޒާދު އާއި ޕްރަތިޝްކާ އަކީ އަސްލު ދިިރިއުޅުމުގެ ދެލޯބިވެރިންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ޑްރާމާގެ އާ ޖެނެރޭޝަން އަކާއެކު ފެށިއިރު ޑްރާމާ އިން ފެނިގެންދާ ލީޑު ބަތަލާ ސަމްރިދީ ޝުކްލާ (އަބީރާ) އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ޝެހްޒާދު ޝޯ އިން ވަކިކުރުމާއެކު ދެން އަރްމާން ކެރެކްޓާއިން ފެނިގެންދާނީ ކޮން އެކްޓަރެއް ކަމާމެދު ބެލުންތެރިން ވަނީ ސުވާލުއުފައްދާފައެވެ. އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އަރްމާން ކެރެކްޓާ ދެން ކުޅޭނީ މަޝްހޫރު ޓީވީ އެކްޓަރު ރޯހިތު ޕުރޯހިޓް އެވެ. އޭނާ ކުޅުނު ބައެއް ސީރީޒް ތަކުގެ ތެރޭގައި "ދިލް ތޯ ހޭ ހެޕީ ޖީ" އަދި "އުދާރިޔާން" ހިމެނެއެވެ.
2012 ވަނަ އަަހަރު ފެށި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ އޭރު ލީޑު ތަރިއަކީ ހީނާ ހާން (އަކްޝަރާ) އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) ލީޑު ރޯލުން ފެނިގެންދިޔައިރު ފަހުގެ ޖެނެރޭޝަންގައި ނައިރާގެ ދަރިފުޅު ޕްރަނާލީ (އަކްޝަރާ) ލީޑު ރޯލުން ފެނިގެން ދިޔައެވެ. މިދިޔަ ނޮވެމްބަރު މަހު ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ) އާއެކުގައެވެ.