ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ އެޕިސޯޑުތައް މިހާރު ބަލަން އިންނަން ޖެހެނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ޔުވްރާޖް އަބީރާ ކިޑްނެޕްކޮށް ގަދަކަމުން ކައިވެނިކުރަން އުޅޭ ހަބަރު އަރްމާނަށް ލިބުނެވެ. އަރްމާންގެ ކޮއްކޮ ރޯހިތު ޕޮއްޑަރު ކައިވެނިކުރަން އެދުވަހު ތާވަަލްކޮށްފައިވީ ނަމަވެސް އަރްމާނަށް އެދުވަހު މުހިއްމުވީ އޭނާގެ ޓީޗަރު އަކްޝަރާގެ އަންހެން ދަރިފުޅު އަބީރާގެ ރައްކާތެރިކަމެވެ. އުދައިޕޫރު ދޫކޮށް މަސޫރީ އަށް އަރްމާން ދަނީ ޔުވްރާޖް އަތުން އަބީރާ ސަލާމަތްކުރުމަށެވެ. ޔުވްރާޖް، އަރްމާން މަރާލަން ޖެހި ވަޒަނުގެ ކުރިމައްޗަށް އަކްޝަރާ އަރައެވެ. ވަޒަން އަކްޝަރާގެ މޭ ފޫދުއްވާލިއެވެ. އެ ހާދިސާގައި އަކްޝަރާ ފަހު ނޭވާގައި އޮއްވާ އަރްމާނުގެ ގާތު ކަމަކު ކިޔައެވެ. އެއީ ހުރި ހަމައެކަނި ދަރިފުޅު އަބީރާގެ ޒިންމާއާ ހަވާލުވެ އޭނާ އާ ކައިވެނިކުރުމަށެވެ. ފަހު ނޭވާއަށް އެޅިފައި އޮތް އަކްޝަރާގެ އެ އެދުން ފުރިހަމަކޮށްދިނުމަށް އަރްމާން ބޭނުންވެއެވެ. އަދި އެކަމަށް އެއްބަސްވެ އަރްމާން އާއި އަބީރާ ކައިވެނިކުރެއެވެ.
ކައިވެނިކުރުމަށްފަހު އަރްމާން، އަބީރާ ގޮވައިގެން ޕޮއްޑަރު ހައުސް އަށް ދަނީ އަރްމާންގެ ކޮއްކޮ ރޯހިތު އާއި އޭނާގެ އަންހެނުން ރޫހީ (އަރްމާން ލޯބިވާ އަންހެން ކުއްޖާ) ގެ އެހީތެރިކަމާއެކުގައެވެ. ރޫހީ އަށް އަރްމާންގެ އަންހެނުން ފެނި ޝޮކަކަށް ދިޔައިރު ރޯހިތު ހުރީ އޭނާގެ ބޭބެ ކައިވެނިކުރުމުން ވަރަށް އުފަލުންނެވެ. ކޮންމެއަކަސް އަރްމާންގެ އެ ނިންމުމަށް އެގޭ މީހުން ދެކޮޅު ހަދައެވެ. އަރްމާންގެ ޅިޔަނު، މަންމަ އަދި މާމަ ހުރީ އޭނާ ދެކެ ވަރަށް ރުޅިއައިސްފައެވެ. އަދި ކައިވެނިކުރި މީހަކީ އަބީރާ ކަން އެނގުމުން، އެމީހުން މާބޮޑަށް ހިތްހަމަނުޖެހުނެވެ.
ޑްރާމާގައި ދެން ވާނީ ކިހިނެއް؟
ޕޮއްޑައު އާއިލާ އިން އަބީރާ އަށް މަރުހަބާ ކިޔަނީ އަރްމާންގެ ބައްޕަ، ދައްތަ، ފަހަރި، ބޭބެ، ރޯހިތު އަދި ގޭގައ އުޅޭ ކުދިވެރިންނެވެ. މާބޮޑު އެއްޗެއް ކައްކަން ނޭނގޭ އަބީރާ، ޕޮއްޑާރު އާއިލާގެ ބޮޑުން ދެކެ ޖެހިލުންވެއެވެ. އަބީރާ އާ މެދު އެމީހުން ކަންތައް ކުރާ ގޮތާއި ރޯހިތުގެ އަނބިމީހާ ރޫހީ އާ މެދު ކަންތައްކުރާ ގޮތް ތަފާތުކަން އޭނާ އަށް އިހުސާސްވެއެވެ. ރޫހީ އާއި އަރްމާން ސިއްރުން ބައްދަލުކޮށް ރޫހީގެ ހިތުގައި އުފެދިފައި ހުރި ޝަކުވާތައް ބަންޑުންކޮށްލައެވެ. އާއިލާ ގެ ކުރިމަތީ އަރްމާން އަބީރާ ދިފާއުކުރެއެވެ. އަރްމާންގެ ހިތްހެޔޮ ކަމުން އަބީރާގެ ހިތުގައި އަރްމާން އަށް އޮންނަ ރުޅިވެރިކަން ކުޑަވެއެވެ. އަރްމާން އާއި އަބީރާގެ ލޯބީގެ ވާހަކަ ފެށޭނީ މިހިސާބުންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވާން ފެށުމުން ދެމީހުންނަށް ވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ކައިވެނިކުރުމަށްފަހު އަބީރާގެ ހުވަފެންތައް ކާމިޔާބު ވަންދެން ކައިވެނި މަތީގައި ދެމިހުރުމަށް ވައުދުވާ ދެމީހުންގެ ކައިވެނި އުމުރުދުވަހަށް ދެމިގެންދާނެއެވެ. އާއިލާ ގެ ނަފްރަތާ ރުޅިވެރިކަން އަބީރާ އަށް ކުރިމަތިލާން ޖެހިފައިވާއިރު ރޫހީ އަށް އަކްޝަރާ އަކީ އަބީރާގެ މަންމަ ކަން ފަޅާއަރައެވެ. އަދި އަބީރާ އަކީ ރޫހީގެ ކޮއްކޮ ކަން ހާމަވެގެންދާނެއެވެ.
މި ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފަށައިގެން ކުރިއަށްދާއިރު މި ޑްރާމާގެ ކާސްޓުންނަކީ ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ)، ޝެހެޒާދް ދާމީ (އަރްމާން ޕޮއްޑަރު) އަދި އަކްޝަރާގެ ކޮއްކޮ އަރޫހީގެ ދަރިފުޅު ޕްރަތިޝްކާ (ރޫހީ) އާއެކުގައެވެ.