ރާއްޖޭން އިތުރު ގައުމަކަށް ސަފީރަކު އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަމެއް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވީ، ޕާކިސްތާނުގެ ސަފީރަކަށް ކަނޑައަޅަން ރައީސް ފޮނުއްވި ހ. ސެލީނާ / މާލެ، ހަދީޖާ ނަޖީހާގެ ނަމެވެ. ރައްޔިތުންގެ މަޖިލީހަށް ނަޖީހާގެ ނަން ރައީސް ފޮނުއްވީ އިއްޔެގައެވެ.

އިއްޔެ ވެސް މަޖިލީހުގެ ރިޔާސަތުން ވަނީ ދެ ގައުމަކަށް ސަފީރުން ކަނޑައެޅުމަށްޓަކައި ދެ ނަމެއް ކޮމިޓީ އަށް ފޮނުވައިފައެވެ. އެ ދެ ބޭފުޅުންނަކީ:

  • ޔޫއޭއީގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނައީމް
  • ބަންގްލަދޭޝްގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު

މި ދެ ބޭފުޅުންގެ ތެރެއިން މިދުފާގެ ނަން ރައީސް މަޖިލީހަށް ފޮނުއްވީ މިދިޔަ އޮގަސްޓް މަހުގެ 27 ގަ އެވެ. އަދި ޝިއުނީންގެ ނަން ފޮނުވީ މިދިޔަ މެއި މަހުގެ 5 ގަ އެވެ.

އިއްޔެ އާއި މިއަދު ތިން ގައުމަކަށް ސަފީރުން އައްޔަނުކުރުމަށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައި ވަނީ، އިންތިގާލީ މަރުހަލާގައި މަގާމުތަކަށް މީހުން ނުނެގުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ސަރުކާރުގައި އެދިފައި ވަނިކޮށެވެ.