އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމުގެ އިތުރު ދައުރަކަށް ހާލި، އއ. ފެރިދޫ، އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައިވަނީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ވޯޓާއެކުގައެވެ.

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ނަޝާތުގެ ދައުރު ހަމެވެފައި ވާތީ އިތުރު ދައުރަކަށް އޭނާ އައްޔަން ކުރުމަށްޓަކައި މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ރައީސް ވަނީ އޭނާގެ ނަން މަޖިލީހަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިންމާ އޭރު މަޖިލީހުން ވަނީ ޗުއްޓީއަށް ގޮސްފައެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ނަޝާތު އައްޔަނު ކުރުމަށްޓަކައި އިއްޔެ މަޖިލީހުން ވަނީ އާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށްޓަކައި އިއުލާން ކޮށްފައެެވެ. ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 24 ގަޑިއިރުގެ މުއްދަތުގެ ތެރޭގައި ހަތަރު ޝަކުވާ ހުށަހަޅާފައި ވާއިރު ޝަކުވާއަކަށް ވެފައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުން ލަސްކުރުމަށް ނަޝާތު މަސައްކަތް ކުރި ކަމަށް ބުނެ ފެތުރުނު ވާހަކައެވެ. އަދި އެ ކޮމިޓީގައި ތިބި ބައެއް މެންބަރުންގެ ވެސް ޝަކުވާއަކަށް ވެސް ވެފައި ވަނީ އެއީއެވެ.

އީސީގައި ކޮމިޝަންގެ ރައީސާއެކު ޖުމްލަ ފަސް މެމްބަރުން ތިބޭއިރު އެ ކޮމިޝަނުގެ މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.