އަދުލު އިންސާފު ގާއިމުވެފައި އޮތް، ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ދަ ޑިމޮކްރެޓްސް އިން ލަފާދީފައިވާ ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އިންތިހާބީ ރައީސް އޮފީހުގައި ދަ ޑިމޮކްރެޓްސްއާއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
އަދުރޭ ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އެތަނެއްގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުވެފައި އޮތުން ކަމަށާއި އެފަދަ ސަރުކާރެއް އެކުލަވައިލުމަށް ޑިމޮކުރެޓްސްގެ ހިޔާލާ މަޝްވަރާ ހޯދާފައިވާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ދިމާވެފައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން ކުރަންޖެހުނު ތަޖުރިބާއާއި އެކަންކަމުގެ އަލީގައި ކުރިއަށް ދާނެ ގޮތާމެދު ޑިމޮކުރެޓުންގެ ހިޔާލު ހުރިނެތް ގޮތް އެ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ހިއްސާ ކުރި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވާއިރު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެއެވެ.