އަންނަ މަހު 17 ގައި ހުސްވާ މާލެ ސިޓީ މޭޔަރު ކަމުގެ މަގާމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވާދަ ކުރައްވަން ނިންމަވައިފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު އަންނަ މަހު ހުސްވަނީ އެމަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެންނެވެ.

ހުސައިން ވަހީދު ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހުސައިން ވަހީދު ކުރެއްވިއެވެ.

އޭނާ ވަނީ 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގައި ސިޔާސީ އިސްމަގާމުތައް ވެސް ފުރުއްވާފައެވެ.

ކުރީގެ ސީޕީގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމާފައެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު، މޭޔަރު ކަމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ މިހާރު ވަނީ ހަވާލު ކުރައްވާފައެވެ.