ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 74 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ، އަހްމަދު މަނިކަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ޗައިނާ އެމްބަސީ ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ރޭ 7:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

އެ މީހާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގަައި އެ މީހާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.