އޭރު އަހަރެންނަށްވެސް ދިޔައީ ބާރަށް ރޮވެމުންނެވެ. ނަޒީފް އިނީ އެނދުގައި އިށީނދެ މޫނުގައި ދެއަތް އަޅައިގެނެވެ.

"މީ އެކަން ހިނގި ގޮތް. އަހަރެންގެ ދަރިފުޅަށް އޮތީ އެއްޗެއް ކާންދީ ނިންދަވާފަ އެވީހާއިރު. ބުނީ ތިމަންނަ ދިން ބިސްކޯދެއް ކެއީމަޔޯ މިސްކުއަށް ނިދުނީ. އަހަރެންނަކަށް ނޭނގެ އޭނަ އޭގެއަށް އެޅީ ކޮންއެއްޗެއް ކަމެއްވެސް."

"އަހަރެމެންނަށް ނޭނގި ތިވަރު ކަމެއް ނުހިނގާނެ. މިސްކު ގެއްލުނު ނަމަ އަހަރެމެންނަށް ނޭނގިދާނެތަ."

"އަހަރެންގެ ދަރިފުޅު އުރައިގެން އަހަރެން ނުކުތްއިރު އެންމެން އުޅުނީ މީކް ގެއްލިގެން. އަހަރެމެން ދެމައިން މަތިން ހަނދާން ހުރި އެކަކުވެސް ނެތް. އަހަރެން އެރޭ އޭނައާ ދިމާލަށް ބުނިން އަހަރެންގެ ބަދު ދުޢާއިން ދުވަހަކުވެސް އޭނަ ސަލާމަތެއް ނުވާނޭ. އަހަރެން އެހެން ބުނިތާ ގިނަ އިރެއް ނުވޭ މީކް ގެއްލުނުކަން އޭނައަށް އެނގުނު އިރު. އެދުވަހަށް ފަހު އަހަރެންނަށް ބޭނުން ގޮތެއް ހަދާލާނެ ދަނޑިވަޅެއް އޭނައަށް ލިބުނީ މިއަދު. އެކަކުވެސް ގޭތެރޭ ނެތް ވަގުތު. އަހަރެން ފެންތެލި އުދީ ފުށް މޮޑެންވެގެން. އޭނަ އައިސް އަނިޔާ ކުރަން ފެށީ މީކް މަރުވީ އަހަރެންގެ ވިހަ ދުލުގެ ސަބަބުން ކަމަށް ބުނެ. މިހާރު އޭނަ ބޭނުން ވަނީ އަހަރެން ވަރިކޮށްފަ އޭނަ މަށާ ކައިވެނި ކުރަން. މިސްކު ބައްޕަ ކިޔަން ޖެހޭނީ އޭނައަށޭ ބުނީ. ދެދުވަސް ތެރޭ ވަރިނުވެއްޖިއްޔާ ވަޅީގެ ހުރި ތޫނުކަން ދައްކާލާނަމޯ ބުނީ. އޭނަ ކޮއްޕާލި ގަނޑީ އަހަރެން އަތުގަ ފެންއެތި ޖެހުނީ. ގަސްތުގައެއް ނޫން އަހަރެން ފެންއެތި ޖެހީކީ. އެވަގުތު އަހަރެންނަށް ކުރެވުނީ ކީއްކަން އަހަރެންނަށް ވެސް ނޭނގެ."

"އަހަރެން ގަބޫލެއް ނުކުރާނަން. ތިވަރު ކަމެއް ކުޑަބެ ކުރިނަމަ ދޮންބެދައްތައަށް ކިޔައި ނުދީ ނުހުރެވޭނެ."

އާޝިއާ ނުކުންނަން ހިނގައިގަތީ ރޮމުންނެވެ.

"މަންމަގެ ހާލަތު އެހާ ގޯސް. އެންމެން ރޮއެރޮއެ ތިއްބާ އަހަރެން އެވާހަކަ ކިޔައިދޭނީ ކިހިނެއް؟"

އާޝިއާގެ ފަހަތުން ދޮރާ ހަމައަށް އަހަރެން ދިޔައީމެވެ. ނަމަވެސް އާޝިއާ މަޑުނުކޮށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ރޮމުން ގޮސް އަހަރެންނަށް ތިރިވެވުނީ ނަޒީފްގެ ދެފައިދަށަށެވެ. އަހަރެން ބިރުގަތީ އަހަރެންގެ ވާހަކަ ނަޒީފްވެސް ގަބޫލު ނުކޮށްފާނެތީއެވެ.

"އެ ހުރިހާ އަނިޔާއެއް އޭނަ ކުރީ ނަޒީފް ކައިރިން ވަރިނުވާނެކަން އެނގުނީމަ. އަހަރެން ހިތުގަ އޭނައަށްޓަކާ ނަފުރަތު ފިޔަވާ އެހެން އެއްވެސް އެއްޗެއް ނެތް. ހުވާކޮށްފަ މިބުނީ އަލުން އޭނައާ ދިމާނުވާނެ ކަމަށް އަހަރެން ހުރީ ޔަގީން ކޮށްގެން. އަހަރެން އޭނަދެކެ ލޯތްބެއް ވިއްޔާ އެލޯތްބެއް ނެތި ފަނާވިތާ ކިތަންމެ އަހަރެއް. އަހަރެން ގަބޫލު ކުރަން، އަހަރެން ޖެހޭނެ މިކަންތައް ހިނގަން ފެށުމާއެކު ނަޒީފަށް ކިޔައި ދޭން. އެކަމަކު ބައެއްގެ ތެެރެއަށް ފަޟީޙަތް ވުމަކީ ހާދަ ވޭން ހުރި ކަމެކޭ. އަގުވެއްޓި ބޭޒާރުވާކަށް ނޭދޭނެ އެކަކުވެސް. އެންމެން އުޅުނީ އެހާ އުފަލުން އަހަރެންނާ ހުރެ ގޭތެރޭ ހައިޖާނުގަނޑެއް އުފެދެން އަހަރެން ބޭނުމެއް ނޫން. މިސްކުއަށް އޭނަގެ ބައްޕައަކީ އެއީކަން އެނގޭކަށް އަމުދުން އަހަރެން ނޭދެން. ދެން ހުރީ މަންމަ. މިކަންތައް އެނގުނު ފަހުން ހުންނަނީ ފިކުރުބޮޑުވެފަ. އަހަރެންނަށް ޔަގީން، ކުރިން ކިޔައިދިން ނަމަ ނަޒީފް ގޮސް އޭނަ މަރުވަންދެން އޭނަ ގައިގަ ތެޅީސް. މަންމައަށް އެމަންޒަރު ދެކެން ކެތެއް ނުވާނެ."

"އެކަމަކު ކުރިން ކިޔައިދިން ނަމަ އަހަރެންނަށް ސުދާ ގޮވައިގެން ވަގުތުން ފުރައިގެން މާލެ ދެވުނީސް"

ނަޒީފް ތެދުވީ ކޮޅަށެވެ. އިތުރަށް އެންމެ ލަފުޒެއްވެސް އަހަރެންނަށް ނުބުނެވުނެވެ. އަހަރެންގެ ވާހަކަތަކުން ނަޒީފަށް ކޮށްފައިވާ އަސަރު ފެނުމުން އަހަރެންނަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.

"އޭނައަށް އެހާ ހިތްވަރެއް އެ ލިބުނީ މަށަށް ހަގީގަތް ކިޔައި ދޭން ސުދާއަށް ނުކެރޭނެކަން އޭނައަށް ޔަގީންވެފަ އޮތީމަ. އަހަރެން ނުބުނަން މިގޭ އެންމެނަށް ކިޔައިދޭށެކޭ. އެކަމަކު ތިވަރު ވެގެން ދިޔައިރު ސުދާ މަށަށް އޮޅުވާލައިގެން ނުވާނެ."

އަހަރެން ކުށްވެރި ކުރުމުގެ ހައްގު ނަޒީފަށް އޮތެވެ. އެންމެ ފުރަތަމަ ދުވަހު އެވާހަކަ ނަޒީފާ ހިއްސާ ނުކުރެވުނީތީ އަހަރެންވެސް ހިތާމަ ކުރަމެވެ. އަހަރެން ރޯން ދޫކޮށްލުމަށްފަހު ނަޒީފްވެސް ނުކުމެގެން ހިނގައްޖެއެވެ. އަހަރެންގެ މަޖުބޫރީ ހާލު ނަޒީފަށް ވިސްނޭނެ ކަމަށް އުއްމީދު ކުރެވުނުކަން އެއީ އަހަރެންގެ މޮޔަކަމެވެ. އެކަނިވެރިކަން އަހަރެން ވަށާލުމުން އަހަރެން ގުޅީ ޒައިނާއަށެވެ. އަހަރެންގެ ހާލަތު އެނގުމުން ޒައިނާވެސް އެދުވަހު ރުޔެވެ.

"އަހަރެން އެބަ ނަގަން މާދަމައަށް ދެ ޓިކެޓް. ސުދާ ފުރަން ތައްޔާރުވެގެން ހުރޭ. ނަޒީފަށް ސުދާގެ މަޖުބޫރު ނުވިސްނޭނަމަ ދެން ތިތަނުގަ ހުރުމުގެ ބޭނުމެއް ނެތެއްނު. ވެދާނެ ކޮއްކޮ ގަޔަށް ހޫނު ފެން ޖެހީމަ އޭނައަށް ވެސް ސުދާ ގޯސްވީ ކަމަށް. އަޅާނުލާ. ކުރިންވެސް އުޅުނީ އެކަންޏެއްނު. އަދިވެސް އުޅެވޭނެ."

ނަޒީފް މަތިން ޒައިނާ ވީ ފޫއްެސެވެ. ޒައިނާގެ ފޯނު ކޯލް އަހަރެން ކުރުކޮށްލީ މިސްކު ދުވަމުން އައިސް ކޮޓަރިއަށް ވަނުމުންނެވެ. ދެލޯ ފޮހެމުން އަހަރެން ދަބަސް ނަގާ އެނދުމަތީ ބެހެއްޓިއިރު މިސްކު ދިޔައީ އަސަރާއެކު ތޮލާލަށް ވެފައިއޮތް ގޮތް އަތުގެ އިޝާރާތުން އަހަރެންނަށް ކިޔައިދެމުންނެވެ.

"ކުޑަބެ ގޮވައިގެން މިހާރު ފުރައިފި ހޮސްޕިޓަލަށް ދާން. ތިއްތަ ދިޔައީ ކުޑަބެ ގޮވައިގެން. މާމަވެސް ދިޔަ. މަންމަ ކީއްވެ ދަބަހަށް އެއްޗެހި ތި އަޅަނީ؟"

މިސްކު އައިސް ދެފައި ވައްކޮށްލަމުން އެނދުމަތީ އިށީދެލިއެވެ. މިސްކުގެ ސުވާލަށް އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. އަނގައިން ބުނާނެހާ ހިތްވަރުވެސް އޭރު އަހަރެންގެ ގަޔަކު ނެތެވެ. ރެއަށް އިރުއޮއްސުމާ ހަމައަށް އަހަރެމެން ދެމައިންގެ ހުރިހާ އެއްޗެއް ދަބަހަށް އަޅައި ނިންމާލީމެވެ. އަހަރެންނަށް ކަމެއް ވެއްޖެކަން އެނގުމުން މިސްކު ދުރައްވެސް ޖެހިނުލާ އަހަރެން ކައިރީ ހުރެ އިރު އިރުކޮޅާ ސުވާލު ކުރަމުން ދިޔައެވެ.

"ދެން ހިނގާބަލަ ކާން. މިހާރު މާބޮޑަށް ބަނޑުހައިވެއްޖެ."

އިޝާ ނަމާދަށްފަހު މިސްކު އަހަރެން އަތުހިފާ އަދޭސް ކުރަން ފަށައިފިއެވެ. ކެއުމުގެ ފަހުން މިސްކުއަށް ބޭސް ދޭން ޖެހޭތީއާއި އެކު އަހަރެންނަށް މަޖުބޫރުވީ ކޮޓަރިން ނުކުންނާށެވެ. އޭރުވެސް ނަޒީފް ގެއަކަށް ނާދެއެވެ. ގޭތެރެއަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފެނުމުން ގޭގައި އެކަކުވެސް ނެތްކަން އަހަރެންނަށް އެނގުނެވެ. އާޝިއާ އާއި ޝަނާ އައިސް ގެއަށް ވަނީ އަހަރެން ބަދިގޭގައި އުޅެނިކޮށެވެ. އާޝިއާ ފެނުމުން އަހަރެންނަށް އިސްޖަހާލެވުނެވެ. ދެމީހުން އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގައެވެ.

"ދަރިފުޅު ދޭބަލަ. ހީރުމެން އެބައުޅޭ ކުލަޖައްސާ ދޮންތަ ކޮޓަރީގަ. ކެކުނީމަ ގޮވާލާނަން އިނގޭ."

ޝަނާ މިސްކު ކޮލުގައި ހިފާލުމުން މިސްކު ދުވެފައި ނުކުމެގެން ހިނގައްޖެއެވެ. މިސްކު ދިއުމުން އާޝިއާ ހިފާލީ އަހަރެންގެ ދެއަތުގައެވެ. ކަންތައް ކުރެވުނު ގޮތުން އާޝިއާ އަހަރެންގެ ކިބައިން މާފަށް އެދުނެވެ.

"އަހަރެން ހީވެސް ނުކުރަން ކުޑަބެއަކީ އެހާ ގޮތެއް ނެތް މީހެއް ކަމަކަށް. ކޮންމެ ގޮތަކަށް އުޅުނަސް އާއިލާ މީހުން އޭނައަށް ވަކިވާ ކަމަށް އަހަރެން ހީކުރީ. ލަދުގަނޭ އެއީ ކޮއްކޮއެކޭ ބުނަންވެސް."

ކޮށްފައިވާ އަސަރުން އާޝިއާ ހުރީ ފެންކަޅިވެފައެވެ. އަހަރެންނަށް އެއްވެސް ބަހެއް ނުބުނެވުނެވެ. ޝަނާ އަހަރެން ކޮނޑުގައި އަތް ބާއްވާލީ އޯގާތެރިކަމާއި އެކުގައެވެ.

"އެހެން މީހެއްގެ ގޮތެއް ނޭނގެ. ހަމަ ގައިމުވެސް އަހަރެން ނަމަ އެ ހައިވާނު ގަޔަށް ޖަހާނީ ހޫނު ފެނެެއް ނޫން. މަރާލާނީ. މިވީހާ ދުވަހު ދޮންބެދައްތައަށް ކެތްވީތީ ވެސް އަހަރެން ހަމަ ހައިރާންވޭ. މާދަމާ ހިނގާ މައްސަލަ ޖައްސަން. އޭނައަށް އޭނަކުރި ކަންތަކުގެ ހައްގު އަދަބު ޖެހޭނީ ލިބެން."

ޝަނާ ހުރީ ތޮލާލު ދެކެ ވަރަށް ބޮޑަށް ފޫހިވެ އިންތިހާއަށް ރުޅިވެސް އައިސްފައެވެ.

"ނޫން ނޫން.. އޭރުން މުޅި ރަށަށް ބޭޒާރު ވާނީ އަހަރެން. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން މިކަންތައް މަންމައަށް އެނގޭކަށް. ވިސްނާ ވިސްނާ މިހާރުވެސް މަންމަގެ ހާލަތު ގޯސްވެފަ އެހުރީ. އެހެންނޫނަސް އަހަރެން މާލެދާން ޓިކެޓްވެސް ނަގައިފިން މާދަމައަށް. ފުރަން މިއުޅެނީ."

މައްސަލަ ޖައްސާ ވާހަކަ ބުނުމުން އަހަރެންގެ ހިތަށް ވެރިވީ ހިތް ނުތަނަވަސްކަމެވެ.

"އެއީ ކީއްވެ؟ ދޮންބެދައްތަގެ ވެސް ގެ މިއީ.. މިތަނުން މީހަކު ދަންޏާ ދާން ޖެހޭނީ ކުޑަބެ."

އާޝިއާގެ ވާހަކައަށް އާނބަސް ބުނުމުގެ ގޮތުން ޝަނާވެސް ބޯ ޖަހާލިއެވެ.

"ވެދިޔަ ކަންތައްވެ ނިމިއްޖެ. ދޮންތަމެން އަހަރެންނާ މެދު ތި ބެހެއްޓި ގާތްކަމުން މިހާރު ހިތަށް ފިނިކަން ލިބިއްޖެ. އެކަމަކު މިވަގުތު އިހަށް ރަނގަޅު ވާނީ އަހަރެން މާލެ ދިޔައިއްޔާ."

އަހަރެން މާލެ ދާން ނިންމި ނިންމުމާ މެދު ދެމީހުންވެސް ތިބީ ދެރަވެފައެވެ. ނަމަވެސް ނަޒީފް މަޑުކުރަން ނުބުނާހާ ހިނދަކު އަހަރެން މަޑުކުރާކަށް ބޭނުމެއް ނުވިއެވެ.

އެހެންކުދިންނާ އެކު ކައިގެން އެރޭވެސް މިސްކު ނިދަން ދިޔައީ ހީރުއާއި އެކު އެކޮޓަރިއަށެވެ. އެންމެ ފަހު ރޭކަމުން އަހަރެންވެސް މިސްކު ހިފަހައްޓާކަށް ނޫޅެމެވެ. ވައިބަރ ގުރޫޕުތެރޭ ތޮލާލުގެ ހާލަތު ރީނާ ހިއްސާ ކުރަމުން ދިޔަ ކަމުގައި ވިޔަސް ތޮލާލަށް ހަމްދަރުދީވި އެކަކުވެސް އެ ގުރޫޕަކު ނެތެވެ. އަހަރެން ގައިގަ ހުރި ޒަހަމު ތަކުގައި އެރޭ ބޭސް އަޅައި ދިނީ ޝަނާއެވެ. 12 ޖަހަންދެން ވެސް އެރޭ އަހަރެންނަށް ހުރެވުނީ ނަޒީފްގެ އިންތިޒާރުގައެވެ. އަހަރެންގެ ލޮލަށް ނިދިއައިސް ނިދުނީ އެނދުގައި ބަންޑުން އޮށޯވެ އޮންނަތާ އެތަށް އިރެއް ވީފަހުންނެވެ.

"ސުދާ.."

ނަޒީފްގެ އަޑު އިވުމުން އަހަރެންނަށް ހޭލެވުނީ ސިހިފައެވެ. އަހަރެންގެ މަގަތުގައި އިން ނަޒީފް ފެނުމުން އަވަސް އަވަހަށް ތެދުވެ އަހަރެން އިށީނީމެވެ. އޯގާތެރިކަމާއެކު ނަޒީފް އަހަރެންގެ ދެއަތްތިލަ އޭނަގެ އަތުތެރެއަށް ލަމުން ބޮޑިކޮށްލިއެވެ.

"ކީއްވެ ދަބަސް ނަގާފަ އެހެރީ."

ރޮއެރޮއެ ނަޒީފްގެ އަޑު ހުރީ އެކަށް ބަދަލުވެފައެވެ. ދެލޯ ރަތްވެފައި ވީއިރު ނަޒީފްގެ ހިތަށް ކޮށްފަވާ އަސަރު ހުރީ ހާމައަށް އެ މޫނުމަތިން ފެންނާށެވެ. ނަޒީފްގެ ސުވާލަށް އަހަރެންނަށް އެއްވެސް ޖަވާބެއް ނުދެވުނެވެ.

"ސުދާ ނުޖެހޭނެ މިގެއިން ނުކުންނާކަށް. ރަނގަޅަށް ސުދާ ތިހެދީ. އަހަރެން އުފާކުރަން. އަހަރެން ދެކެ ތިހާ ލޯބިވާ ހިތްވަރުގަދަ އަންބަކު މަށަށް ލިބުނީތީ."

"އަހަރެން ވައުދުވަން. އަހަރެން ދެން ދުވަހަކުވެސް ނަޒީފަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން."

ވީ އުފަލެއްގެ ބޮޑުކަމުން އަހަރެންނަށް އޮޅުލައިގަނެވުނީ ނަޒީފް ގައިގައެވެ. ނަޒީފް އަހަރެން ގައިގަ ބައްދާލީ އިންތިހާއީ ލޯތްބާ އެކުގައެވެ. ނަޒީފްގެ އަތުގެ ހިމާޔަތާ ރައްކާތެރިކަން ލިބުމުން އަހަރެންނަށް ރޮވުނީ އުފަލުންނެވެ. ނަޒީފް އަހަރެންނަށް ހިތްވަރު ދިނެވެ. ލޯބިން އަހަރެންގެ ޒަހަމް ތަކުގައި ފިރުމާ ދިނެވެ. ހަޔާތަށް ބިންދާލި ތޫފާނީ ރާޅައްފަހު އެވަގުތު އަހަރެންނަށް އިހުސާސް ކުރެވިގެން ދިޔައީ އަމާންކަމާ ރައްކާތެރިކަމެވެ. އުފާވެރިކަމާ މިނިވަންކަމެވެ. ނަޒީފަށްޓަކާ އަހަރެންގެ ހިތުން ދެވިފަވީ މަގާމު އިތުރަށް ކުރިފަޅާ ފޯދިގެންދިޔައެވެ. އަހަރެންދެކެ އެހާ ލޯބިވާ ފިރިއަކު އަހަރެންގެ ނަސީބުގައި މިންވަރު ކުރެއްވި ކަމަށްޓަކާ ހާސްފަށުން އަހަރެން ﷲ އަށް ޝުކުރުކުރީމެވެ.

އެރޭ އަހަރެންނަށް ނިދުނީ ނަޒީފްގެ އުނގުގައި ބޯ އަޅައިގެން އޮއްވައެވެ. އެއީ ދުވަސް ތަކަކަށްފަހު އަހަރެންނަށް އަރާމުކޮށް ނިދާލެވުނު ރެއެކެވެ. ފުން ނިންޖަކުން އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ހޭލެވުނުއިރު އަހަރެންގެ ގައިގާ ގަދައަށް ރިއްސަމުންދެއެވެ. އެނދު ކޮޅުގައި ލެނގިލައިގެން ނިދިފައި އޭރުވެސް ނަޒީފް އިނެވެ. އެރޭގެ އުފާވެރި ހަނދާންތައް އާވުމުން އަޅަމުން ދިޔަ ރިހުމުގެ މަތިން ހަނދާން ނެތި އަހަރެންނަށް ހިނިތުން ވެވުނީ ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލަމުންނެވެ. ލޮލުން ނިދި ފިލާ ދިއުމުން ތެދުވެ އަހަރެން އިށީނީމެވެ. އެވަގުތު މޭ ނުބައިކުރާގޮތްވެ އަހަރެންނަށް އޯކަށް ދެމިގަނެވުނެވެ. ދުވެފައި ގޮސް އަހަރެން ފާހަނައަށް ވަނީމެވެ. ޓެސްޓު ކުރަން ނިންމައިގެން ހުރި ދުވަސް ފަހަނަ އަޅާ ދިޔަކަން އަހަރެން ހަނދާންވީ އެރޭ މޭނުބައިކޮށް ހޮޑުލެވުމުންނެވެ. އަހަރެން މާލެއިން ދިޔައީވެސް ޓެސްޓު ކުރަން ޖެހިދާނެކަމަށް ތައްޔާރުވެގެން ކަމުން އަވަސް އަވަހަށްގޮސް ޓެސްޓު ކުރަން ގެންދިޔަ ކިޓު ނެގީމެވެ. އަހަރެން ޓެސްޓު ކުރީ ވަރަށް ފޮނި އުއްމީދަކާއި އެކުގައެވެ. އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. އަހަރެން އިނީ ނަޒީފްގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އުފާވެރިކަން އަހަރެން ވަށާލިއެވެ.

"ނަޒީފް."

އަހަރެން ގޮސް ނަޒީފް ގައިގަ ހިފާ ތަޅުވާލުމުން ނަޒީފް ލޯ ހުޅުވާލީ ސިހުމަކާއި އެކުގައެވެ. އަހަރެން ހިނިއައިސްފައި ހުރިތަން ފެނުމުން ނަޒީފަށް ލިބުނީ ހައިރާންކަމެކެވެ. އެއުފާވެރި ޚަބަރު ނަޒީފަށް ދިނުމުން ނަޒީފްގެ ދެލޮލުން ނިދި އެކީ ފިލާ ދިޔައެވެ.

"މަ ހުރީވެސް ޔަޤީން ކޮށްގެން މިފަހަރު."

ޓެސްޓް ކިޓަށް ބަލާލުމަށްފަހު ނަޒީފް ކޮޅަށް ތެދުވީ އަހަރެން އުރާލައިގެނެވެ. ކޮޓަރި ތެރޭގައި ގުގުމާލީ ނަޒީފްއާއި އަހަރެންގެ ހުނުމުގެ އަޑެވެ. ލަސްތަކެއް ނުވެ އެއުފާވެރި ޚަބަރު އާއިލާގެ އެންމެނާ ނަޒީފް ހިއްސާކޮށްލީ ވައިބަރ ގުރޫޕްގައެވެެ. އެއަށްފަހު ދެން ގުޅީ ފާތިމާއަށެވެ. ހާސްކަމާއި ފިކުރު ތަކުން ސަލާމަތް ނުވެވިފައި ހުރި ފާތިމާއަށް ލިބުނު އެ ޚަބަރު ވެގެން ދިޔައީ ފާތިމާގެ ހިތަށް ހަމަޖެހުމާ ފިނިކަން ގެނެސްދިން އުފާވެރި ޚަބަރަކަށެވެ.

އާއިލާގެ އެންމެން އައިސް އަހަރެމެން ދެމަފިރިނަށް މަރުޙަބާ ކިއެވެ. ދޮންތިއަކަށް ވާން އުޅޭ ޚަބަރު ލިބުމުން މިސްކު ދުވެ ފުމެ ނަށަމުން ދިޔަ އިރު އެމަންޒަރު ދެކެން އަހަރެންނަށް ހުރެވުނީ އުފަލުން ފެންކަޅިވެފައެވެ.

އަތޮޅު ހޮސްޕިޓަލުން އެދެވޭ ފަރުވާ ލިބެން ނެތުމުން ތޮލާލު ގެންދަން ޖެހުނީ މާލެއަށެވެ. ރީނާއަށް މާލެ ދެވެން ނެތުމުން ފާތިމާގެ އެދުމަށް ތޮލާލު ގޮވައިގެން މާލެ ދާން ޖެހުނީ ނަޒީފެވެ. ލޯބިވާ މަންމަގެ ބަހަށް ކިޔަމަން ވުމަށްޓަކާ ނަޒީފް ކެތްތެރިކަން އިސްކުރިއެވެ. އަހަރެންނަށް ތޮލާލު ހެދިގޮތް ފާތިމާއަށް އެނގިފައި އޮތް ނަމަ ތޮލާލު ގޮވައިގެން ދާން ނަޒީފް ކައިރީ ފާތިމާ ނުބުނާނެކަން އަހަރެންނަށް ޔަގީނެވެ. އެދަތުރުގައި އަހަރެން ބައިވެރި ކުރަން ނަޒީފް ބޭނުމެއް ނުވިއެވެ. އަހަރެން ދެކޮޅު ހެދުމެއްނެތި ނަޒީފްގެ ބަހަށް ކިޔަމަން ވީމެވެ.

ތިން ހަފްތާގެ ފަރުވާއަށް ފަހު ތޮލާލު ހޮސްޕިޓަލުން ދޫކޮށްލުމުން ޖެހިގެން އައި ދުވަހު ފާތިމާއާއި ނަޒީފް ތޮލާލު ގޮވައިގެން ދިޔައީ ރަށަށެވެ. ތޮލާލަށް މަރުޙަބާ ކިޔަން އާއިލާއިން އެކަކުވެސް ބަނދަރަށް ނުދިޔައެވެ.

"މަންމަ ހީކުރީ ހުރިހާ ކުދިން އައިސް ތިބޭނީ ބަނދަރުގަ ކަމަށް. މަންމަމެން އަންނަކަން ހަނދާން ނެތުނީތަ؟"

ގެއަށް އައިސް ވަންނަމުން ފާތިމާ އަހާލިއެވެ. އޭރު އަހަރެމެން އެންމެން ތިބީ ސޯފާގައި އިށީނދެލައިގެނެވެ.

ފާތިމާ ފެނުމާއިއެކު ކުދިންތަށް އައިސް ފާތިމާގެ ވަށާލައިފިއެވެ. ގެއަށް ވަތް ތޮލާލާއި ހަތަރު ކަޅި ހަމަވި ވަގުތު އަހަރެންގެ ހިތުތެރޭ ޖަހާލީ ބިރުވެރި ކަމުގެ ވިންދެކެވެ. އަވަސް އަވަހަށް އަހަރެން ތެދުވެގެން ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީމެވެ.

"ސުދާ."

އަހަރެން ހުއްޓުވީ ނަޒީފެވެ. ނަޒީފް އައިސް އަހަރެން އަތުގައި ހިފާލުމުން އަހަރެން ހިނިތުންވެލީމެވެ. އޭރު ކުދިންނަށް ހަދިޔާ ދިނުމުގެ ނިޔަތުގައި ފާތިމާ އެކުދިން ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ތޮލާލުވެސް ހިނގައިގަތީ އޭނަގެ ކޮޓަރިއާ ދިމާލަށެވެ. އަހަރެން ގޮވައިގެން ގޮސް ނަޒީފް ހުއްޓުނީ ތޮލާލުގެ ކުރިމަތީގައެވެ. ތޮލާލު ނަޒީފަށް ބަލާލި ގޮތުން ނަޒީފަށް ކަމެއް އެނގިފައި އޮތްކަން ތޮލާލަށް ނޭނގޭކަން އަހަރެންނަށް ޔަގީންވިއެވެ.

"މީ މަގޭ އަންހެނުންކަން ކަލޭ ދެން ހަނދާން ނައްތާލައިފިއްޔާ މަމީ ކާކުކަން ކަލެއަށް އަންގާލާނަން. އެކަނި ހުއްޓާ ފެނުނަސް އިސްއުފުލާ ބަލާލިއަސް ނިމުނީ. މަންމައަށްޓަކާ ކަލޭ ދޫކޮށްލާފަ ތިހުރީ. އެކަމަކު އޮޅިގެންވެސް ކަލޭ ހިތަށް ދެން އަރުވައިގެން ނުވާނެ ސުދާގެ ނަން. މިސްކު އެއީ ކަލޭއާއި ބެހޭ ދަރިއެއް ނޫން. ހަނދާން ނައްތާނުލާތި. މަށަށްވެސް ކެތްވާނީ ވަކި ވަރަކަށް."

ނަޒީފްގެ އަޑުގެ ހަރުކަށި ކަމުގެ ކުރިމަތީ ތޮލާލު އިސްޖަހައިގެން ހުއްޓެވެ. އިތުރަށް ބަހެއް ބުނެފި ނަމަ ދެން ވާނެ ގޮތް ތޮލާލަށް އެނގިގެން އަނގަ ބަންދުވެފައި ހުރި ކަހަލައެވެ. ތޮލާލަށް އިންޒާރު ދިނުމަށްފަހު ނަޒީފް ގޮސް ފާތިމާ ކޮޓަރިން މިސްކު ގޮވައިގެން އައިސް ތޮލާލު ކުރިމަތީ ހުއްޓުނެވެ. ވާނުވާ ނޭނގިފައި ހުރި މިސްކު ތޮލާލުގެ މޫނަށް ބަލާލުމަށްފަހު ނަޒީފްގެ މޫނަށް ބަލާލިއެވެ.

"ދަރިފުޅު ބައްޕަ ބުނާ ބަސް އަހާނަންތަ؟"

މިސްކު އުރާލަމުން ނަޒީފް އަހާލިއެވެ. ވަގުތުން މިސްކު ބޯ ޖަހާލައިފިއެވެ.

"މިއީ ދަރިފުޅުގެ ކުޑަބެއެއް ނޫން. މީނަ ދަރިފުޅަށް ގޮވާލިއަސް ދަރިފުޅު އަތުގަ ހިފާލިއަސް އެންމެ ފުރަތަމަ އައިސް ބުނަން ޖެހޭނީ ބައްޕަ ކައިރީގަ. މިގޭގަ އުޅޭ ހުރިހާ ކުދިން މީނަ ކައިރިއަށް ދިޔަސް ދަރިފުޅު ހުންނަން ޖެހޭނީ މީނައާ ދުރުގަ. ދަރިފުޅު މީނައާ އަނގައިން ބުންޏަސް ބައްޕަ ދަރިފުޅާ ވާހަކަ ދެއްކުން ހުއްޓާލާނަން."

ނަޒީފްގެ ވާހަކަ އަޑު އެހުމަށްފަހު މިސްކު ކަޅިވެސް ޖަހާނުލާ ބަލަން ފެށީ ނަޒީފްގެ މޫނަށެވެ. އޭރުވެސް ތޮލާލު ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހައިގެނެވެ.

"ދޭ މާމަ ކައިރިއަށް."

މިސްކުގެ ކޮލަށް ބޮސްދިނުމަށް ފަހު ނަޒީފް މިސްކު ދޫކޮށްލުމުން ކިޔަމަންތެރިކަމާއި އެކު މިސްކު މާމަގާތަށް ދިޔައެވެ. ނަޒީފް އަހަރެން އަތުގައި ހިފަމުން ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިންވެސް ކުޑަބެއާ ގާތްވާކަށް. ހިތްބަލި އަނގައިން ނުބުނެވޭ ކުއްޖަކަށް އެއްޗެއް ކާންދީ ވަލަށް ގެންގޮސް ދޮންބެދައްތައަށް ބިރުދައްކަން ކެރުނު މީހަކު އަހަރެންގެ ދަރިންނަށްވެސް ގޮތެއް ހަދަން ޖެހިލުމެއް ނުވާނެ."

އާޝިއާ ބުނި އަޑު ސާފުކޮށް އަހަރެންނަށް އިވުނެވެ. ފަސްއެނބުރި އަހަރެންނަށް ބަލާލެވުނުއިރު އިސްޖަހައިގެން ހުރެ ތޮލާލު އޭނަގެ ކޮޓަރިއަށް ވަންނަނީއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަހަރެންނަށް ބައްދާލެވުނީ ނަޒީފް ގައިގައެވެ.

"އަހަރެން ވަރަށް ބިރު އެބަގަނޭ. ހިނގާބަލަ ދެން މާލެ ދާން."

"އަހަރެން މާލެ ދާނީ އޭނައަށް ކަމެއް ކުރަން ކެރޭތޯ ބަލާފަ. ނޫނީ ފަހަތުން އޭނަ މާލެވެސް އަންނާނެ."

ނަޒީފް ބުނީ ތެދެއްކަން އަހަރެންނަށްވެސް ގަބޫލު ކުރެވުނެވެ. އިތުރަށް އަހަރެންނަށް ބަހެއް ނުބުނެވުނީ ނަޒީފްގެ ހިޔާލު ބަދަލު ނުވާނެކަންވެސް އެނގޭތީއެވެ.

ޖެހިގެން އައި ދުވަސް ތަކުގައި އަހަރެންނަށް ހުރެވުނީ ސިހުމެއްގެ ތެރޭގައެވެ. ތޮލާލުގެ މައްޗަށް ކުޑަވެސް އިތުބާރެއް އަހަރެންނަކަށް ނެތެވެ. ނަޒީފް ބުނި ބަހުގައި ހިފައި މިސްކު ތޮލާލާއި ގާތެއް ނުވިއެވެ. ތޮލާލު ފެނުނަސް މިސްކު ދަނީ ދުރަށެވެ. ތޮލާލު ކޮޓަރިން ނުކުންނަނީ މަދު ފަހަރަކު ކަމުގައި ވިޔަސް ބަދަލު ހިފުމުގެ ރޫހަކީ އޭނަގެ ކަށީގައި ހަރުލާފައި ހުރި ނުބަައި އާދައެއްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރިގޮތާ މުޅިން އިދިކޮޅަށެވެ. ނަޒީފްދެކެ ތޮލާލު ބިރުގަންނަކަން އަހަރެންނަށް ގަބޫލުކުރަން މަޖުބޫރުވީ އަހަރެން އެކަނި ހުއްޓާ ފެނުނު ދުވަހު ތޮލާލު އަނބުރާލާފައި ކޮޓަރިއަށް ވަނުމުންނެވެ. އެދުވަހު އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުން ބަޔާން ކުރަންވެސް ދަތިވިއެވެ. ނަޒީފް އަހަރެން ސަލާމަތް ކޮށްދިނީ އަހަރެންގެ މުޅި ހަޔާތް ބަރުބާދު ކުރަން ނުކުމެ ހުރި ނުބައި އަނިޔާވެރި ޖާހިލެއްގެ އަތްދަށުންނެވެ. އަހަރެންގެ ހިތާ ފުރާނައިން ޤުރުބާން ވިޔަސް ނަޒީފް ކޮށްދިން ހެޔޮކަމުގެ އަގު އަހަރެންނަށް އަދާކޮށެއް ނުދެވޭނެއެވެ. އިތުރު ދެހަފްތާ އެގޭތެރޭގައި މަޑުކުރުމަށްފަހު އަހަރެންނާއި މިސްކު ގޮވައިގެން ނަޒީފް މާލެއައީ ދެން އަންނަ ޗުއްޓީއެއްގައި ވެސް ރަށަށް ދާނެ ކަމަށް ވައުދުވަމުންނެވެ.

ނިމުނީ