ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ މިއަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ ޝިމާޒު އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ތާރީހެއް ސާފެއް ނުވެއެވެ.

މި ސަރުކާރު ނިމުމާ ގާތަށް ގޮސްފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މިއަދު އައްޔަން ކުރި ޝަހާނާ އަކީ ތިންވަނަ ބޭފުޅާއެވެ.

އެންމެ ފުރަތަމަ އެ މަގާމަށް މި ސަރުކާރުން އަބްދުﷲ ފަޔާޒު އައްޔަން ކުރީ 2019 ގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއަށް ފަހު ފަޔާޒް ވަނީ މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެފަހުން އެ މަގާމަށް ޝިމާޒު ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ.