ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތް ތަކަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ، މަޖިލިސް އިންތިހާބަށް ސެކިއުރިޓީ އާއި ލޮޖިސްޓިކް އޮފިސަރުންނާއި މެނޭޖަރުން އަދި އޮފިސަރުން ފަދަ މަގާމުތަކަށް ޖުމްލަ 306 މުވައްޒަފުން ބޭނުންވާ ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބަށް މުވައްޒަފުން ހޯދަން އިއުލާނުކުރި ނަމަވެސް އެ އިންތިހާބު ބާއްވާނެ ތާރީހެއް އީސީން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ. އެހެންކަމުން އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ.

އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގައެވެ. އިތުރުވި ދާއިރާތަކަކީ، ހުޅުމާލެ ދެކުނު ދާއިރާ، ކ. މާފުށި ދާއިރާ، ގުރައިދޫ ދާއިރާ އަދި ފޭދޫ ދެކުނު ދާއިރާއެވެ.