ރާއްޖޭން އަގުބޮޑުކޮށް ބޭރު ގައުމުތަކުން ދަރަންޏަށް ލޯނު ނަގާ ކަމަށް ވަންޏާ ރާއްޖޭގެ އިގްތިސޯދަށް މާލީ ބޮޑެތި ގޮންޖެހުން ކުރިމަތިވެ އަސަރު ކުރާނެ ކަމަށް، ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ އިގްތިސޯދު މި އަހަރު 6.5 ޕަސެންޓުގައި، އަދި ކުރިއަށް އޮތް ދެ އަހަރު 5.4 ޕަސެންޓުގައި ކުރިއަރައި ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދުނިޔޭގެ އިގްތިސޯދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނަގާ ނަމަ ރާއްޖެ އަށް މާލީ ބޮޑެތި ގޮންޖެހުން ކުރިމަތިވެ، އޭގެ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށެވެ.

އެ ރިޕޯޓުގައި ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ތަސައްވުރު ރަނގަޅެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ، ކެޕިޓަލް ހަރަދާއި ސަބްސިޑީ އަށް ކުރާ ހޭދަ އިތުރުވެ، ބަޖެޓް ޑެފިސިޓް ފޫބައްދަން އެމްއެމްއޭ އިން ފައިސާ ދޭން ޖެހި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ރާއްޖެ އަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި، އެ ދަތިތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި އަވަސް ހަރުދަނާ ފިޔަވަޅުތަކާ އެކު ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ނަމަވެސް ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

އެއާއެކު ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އިސްލާހީ ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރުގައި އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އާމްދަނީ އިތުރުކުރުމާ އެކު ދައުލަތުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓުމަށް
  • އާސަންދަ މުރާޖައާކޮށް އެސްއޯއީތަކަށް ދޫކުރާ ސަބްސިޑީތައް ރަނގަޅަށް ބެލެހެއްޓުމަށް
  • އުމްރާނީ ތަރައްގީގެ އިންވެސްޓްމެންޓު ކުރުމަށް ޕަބްލިކް އިންވެސްޓްމެންޓް މެނޭޖްމެންޓް ނިޒާމެއް ގާއިމްކުރުމަށް
  • ޓެކްސް ބޭސް ފުޅާކޮށް ރާއްޖެ ތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމަށް
  • ބޭކާރު ހަރަދުތައް މަދުކޮށް ޓެކްސްގެ އިންސާފުވެރިކަން އުފެއްދުމަށް

ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި އުމްރާނީ ތަރައްގީގެ ހިދުމަތް ދިނުމުގައި ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުން ހޯދައިފައެވެ. ނަމަވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާވެ، އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ބޮޑެތި ހަރަދުތައް ސަރުކާރުން ކުރާ ކަން ވެސް ފާހަގަކުރިއެވެ. ހަމަ އެހެންމެ ރަށްރަށުގައި ސާފު ބޯފެނާއި އިންޓަނެޓު ފަދަ ހިދުމަތްތަށް ދިނުމުގައި މާލެ އާ އަޅާބަލާއިރު ތަފާތުތަކެއް ހުންނަ ކަން ވެސް ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.

އެ ބޭންކުން ލަފާކުރާ ގޮތުގައި ކޮވިޑަށް ފަހު އައި އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، މާލީ ސިޔާސަތު ހަނިކުރުމާއި، މުދަލަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑު ދަށަށް ދިއުން ފަދަ ކަންކަމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް އަސަރުކުރުމާ ގުޅިގެން، ކުރިއަށް އޮތް ދެ އަހަރު ދެކުނު އޭޝިއާގެ ސަރަހައްދީ ކުރިއެރުން 5.6 ޕަސެންޓަށް މަޑުޖެހޭނެއެވެ.