އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

މިއަދު، ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަހުސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީ އިން ބުނެފައި ވާކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކައާ ގުޅިގެން އެމްޑީޕީ އިން ބުނީ ޑިމޮކްރެޓްސް އިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރާނެ ކަމަށެވެ. އެހެންނަމަވެސް މި ހުށަހެޅުން ގަބޫލު ކުރެވެން ނެތްކަން ޑިމޮކްރެޓްސް އަށް އަންގާފައި ވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީ އިން ބުނީ އެއްވެސް ކަމަކަށް އެ ޕާޓީ އާއި ދި ޑިމޮކްރެޓްސް އާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަކީ އެމްޑީޕީ އާ އެކު ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ވެސް ބުނެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އީސީ އަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް މިއަދު އީސީ އިން ވަނީ ނިޒާމީ ވޯޓާ މެދު އާންމުން ހޭލުންތެރި ކުރުވުމަށާއި، ވޯޓުގައި ބައިވެރިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި، ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ތަކުގެ އިތުރުން ވޯޓާ ގުޅުން ހުރި އެހެނިހެން ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި، އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތަށް ބަލައި، ވޯޓުލުން ބޭއްވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ބުނެ، މަޖިލީހުން އެދުނު ތާރީހުގައި އެކަން ވާން ނެތްކަން މަޖިލީހަށް އަންގާފައެވެ.

އީސީން އެގޮތަށް އެންގުމުން މަޖިލީހުގެ ގިނަ މެންބަރުން ވަނީ އެކަމަށް ތާއީދު ކުރާކަން ހާމަކުރައްވާފައެވެ.

ނިޒާމީ ވޯޓާ ގުޅިގެން ޕާޓީތަކުން ކަންކުރާނެ ގޮތް ނިންމަން މަސައްކަތް ކުރަމުން ދާ އިރު އަދި ޕާޓީތަކުގެ އިސް ބައެއް ވެރިންގެ ހިޔާލު ނިޒާމު ބަދަލުކުރުމާ ދެކޮޅު ކަމަށް ވާއިރު، އެމްޑީޕީން ނިންމާފައި ވަނީ އެ މައުޟޫގައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބަހުސްކޮށް ގޮތެއް ނިންމުމަށެވެ. އެގޮތުން މިރޭ ބޮނޑިބަތާއެކު ބައްދަލުވުމެއް ބާއްވަން ނިންމާ ވަނީ އިއުލާން ކޮށްފައެވެ. މި ބައްދަލުވުން އޮންނަނީ މިރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލުގައެވެ.