ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު އެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާފައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފަވާ ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 480.10 ގްރާމް ހުރިކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ކަސްޓަމްސްއިން އިތުރަށް ބުނީ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ޕޯސްޓް މެދުވެރިކޮށް މި ފަދަ ގޮތްގޮތަށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.