ރައީސް ސޯލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ދާދި ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވާ މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުނެވެ.

މި ބައްދަލުކުރެއްވުމުގެ ތަފްސީލުތައް ދެފަރާތުން ކުރެ ފަރާތަކުން އަދި ހާމަ ކުރައްވާފައި ނުވިނަމަވެސް މި ބައްދަލުވުމަކީ ކުރު ނަމަވެސް ރަސްމީ ބައްދަލުކުރެއްވުމެކެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ދެބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު މުއިއްޒު ވަނީ ވަޑައިގެންފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެ އެވެ.