ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޖަލު ހުކުމްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެއަށް ބަދަލު ކުރަން މަސައްކަތް ފަށައިފިއެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރޭ މީރުމާގައި ޕްރެސްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަކީ ރައީސް ސޯލިހަށް ގާނޫނީ ހަމަތަކުގެ މަތިން ކުރެއްވޭނެ ކަމެއް ކަމަށެވެ. އަދި އެކަން ކޮށްދެއްވުމަށް އިހްލާސްތެރިކަމާއި އަދަބުވެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ދާއިރު ރ. ފުއްގިރި މައްސަލައިގެ ކުރީގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީން އަށް ހުކުމް ކުރީ ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ.
ޔާމީނު ގެއަށް ބަދަލުކުރާނަމަ ޖަލުގަތިބި އެހެންމީހުން ވެސްގެއަށް ފޮނުވަން ޖެހޭނެ