މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ 195 ފޮށި ގުނި އިރު ތަފާތު ބޮޑުކޮށް ކުރީގައި އޮތީ ޑރ. މުހައްމަދު މުއިއްޒެވެ.

އެ ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުގައި 28،118 ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެއީ 53.8 ޕަސެންޓަށްވާއިރު މި އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 195 ފޮށިން ލިބިވަޑައިގެންފައިވަނީ 24،142 ވޯޓެވެ.

މި މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ އަށް ކެންޑިޑޭޓުންނާއެކުއެވެ. އެއްވެސް ކެންޑިޑޭޓަކަށް އެ ބުރުގައި 50 ޕަސެންޓް ލިބިވަޑައިގެންފައިނުވާއިރު ދެވަނަ ބުރުގައި މި ވާދަކުރެއްވީ އެ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެ ކެންޑިޑޭޓުންނެވެ.

ފުރަތަމަ ބުރުގައި 46.06 ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.