އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

ވޯޓުލުމަށްޓަކައި 586 ފޮށި ބެހެއްޓި އިރު މިހާތަނަށް 355 ފޮއްޓެއް (50 ޕަސެންޓަށް ވުރެ ގިނަ ފޮށި) ގުނާފައި ވާ އިރު 10،000 ވޯޓުގެ ތަފާތުން މުއިއްޒު އޮތީ ކުރީގައެވެ. މި ތަފާތަށް ބަަލާއިރު ދެން ރައީސް ސޯލިހަށް މުއިއްޒު އަތުލެއްވުމަކީ މުސްތަހީލު ކަމެކެވެ.

މުއިއްޒުގެ މި ކާމިޔާބިއަކީ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މީގެ ކުރިން ރައީސްކަން ކުރެއްވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއަކީ މި އިންތިހާބުގައި އިދިކޮޅުން ވާދަކުރައްވަން ކަނޑައަޅާފައިވާ ކެންޑިޑޭޓް ކަމަށްވި ނަމަވެސް ވ. އާރަށުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމާ ގުޅިގެން އެ މަނިކުފާނަށް ވަނީ ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލިފައެވެ.

އީސީއިން ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ނިންމުމާއެކު އިދިކޮޅުގެ ލީޑާޝިޕްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފުދުނު ނަމަވެސް، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކެންޑިޑޭޓެއް ނުދެއްކެވުމުން ޕީޕީއެމްގެ ހިޔަނި ފަދައިން ވާ ޕީއެންސީއިން ވަނީ އެ ދެ ޕާޓީގެ ޖޮއިންޓް ސެންޓްގެ މެދުގައި ކުއްލި ޕްރައިމަރީއެއް ބާއްވާފައެވެ. އެގޮތުން އެ ޕްރައިމްރީގައި ވާދަކުރައްވަން ޕީޕީއެމް ދޫކޮށް މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވީ އެދުވަހުއެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެން އާދަމް ޝަރީފް ދެއްކެވީ ނަމޫނާއެވެ. އިދިކޮޅުގައި އުފެދުނު ދެބަސްވުން ފިލާގޮސް ދެއްކީ އެއްބައިވަންތަކަމެވެ.

ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުންނާއ ވާދަކުރައްވާ އެއް ލައްކައަށް ވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވިއިރު އެއީ އެ އިންތިހާބުގެ 46 ޕަސެންޓެވެ. މި މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ އަށް ކެންޑިޑޭޓުންނާއެކުއެވެ. އެއްވެސް ކެންޑިޑޭޓަކަށް އެ ބުރުގައި 50 ޕަސެންޓް ލިބިވަޑައިގެންފައިނުވާއިރު ދެވަނަ ބުރުގައި މި ވާދަކުރެއްވީ އެ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެ ކެންޑިޑޭޓުންނެވެ.

ފުރަތަމަ ބުރުގައި ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ.

މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުތަކުގައި ގިނަ ބަޔަކު ކޯލިޝަން ހަދައިތަން ފެނުނު ނަމަވެސް "ކިންގް މޭކާތައް" މި ފަހަރު އަމާންދިނީއެވެ. އެގޮތުން މި ބުރުގެ "ކިންގް މޭކާ" ކަމަށް ގިނަ ބަޔަކު ބުނި ދަ ޑިމޮކްރެސްއާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ހެއްދެވީ އެގޮތެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމްވެސް ވަކިކޮޅަކަށް ނާރަން ނިންމެވިއިރު މިދިޔަ ބުރުގައި 4 ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު އުމަރު ނަސީރު ވެސް އަމަލުކުރެއްވީ އެގޮތަށެވެ.

މުއިއްޒާ ކޯލިޝަން ހެއްދެވީ 2000 ވޯޓުވެސް ހަމަ ނުވާ އެމްއެންޕީއިން ކަމަށްވާއިރު މުއިއްޒަށް މި ލިބިވަޑައިގެން ވޯޓަކީ ތާރީހުގައި ލިޔެވޭފަދަ ކުރިއެެރުމެކެވެ. ދެ ކެންޑިޑޭޓުންވެސް އިންތިހާބުގެ ކެމްޕެއިނަށް ގިނަ ރަށްތަކަށް ވަޑައިގެންނެވިއިރު މުއިއްޒަށް އިންތިހާބުކުރަން ކޮންމެ ރަށަކުން ވެސް ބޭނުންވި އެންމެ ބޮޑު މަގްސަދަކީ ދީނާއި ގައުމަށްޓަަކައި ކަމަށް އެ މީހުން ބުނެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދިވެހިންގެ މިނިވަން ޔަގީން ކޮށްދެވޭނެ ވެރިއަކީ މުއިއްޒު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްގީގެ ފަހަތުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވަައިގެން މުއިއްޒު ކުރެއްވި ގިނަ މަސައްކަތްތައް ރައްޔިތުން ބަލައިގަަތް ކަން ރަށްރަށުން ފެނުނު މަންޒަރުތަކުން ދޭހަވެއެވެ.

ގިނަ ރަށްރަށަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދާ އޮތް ވާހަކަތައްވެސް ކޮންމެ ރަށަކުން ކަހަލައިން ދައްކާއިރު އެއިން ކޮންމެ ރަށަކުން ވެސް ކުރާ އުންމީދަކީ އެ ހުރިހާ ހުވަފެންތަކުގައި މުއިއްޒު ކުލަޖައްސައިދޭނެ ކަމެވެ. މުއިއްޒުގެ އިލްމީ ގާބިލް ކަމާއި މެނިފެސްޓޯއާއި ދައްކަވާ ވާހަކަތަކުގައި ގެންގުޅުއްވާ ސާބިތު ކަމުގެ ވާހަކަތައްވެސް ދެކީ މަދު ރައްޔިތެއް ނޫނެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނާ ވާދަކުރައްވާ 134,705 ވޯޓާއެކު ފުރަތަމަ ފަހަރަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައެވެ. އެހެންނަމަވެސް މި އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ވަނީ ރައީސް ސޯލިހަށް "ނޫނެކޭ" ބުނެ އުފާވެރި އަމާން ރާއްޖެއަކަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މި ނިންމުމާއެކު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ރައްޔިތުން ގެންދެވި "ޖަޒީރާ ރާއްޖެ" އިން " ދިވެހިންގެ ރާއްޖެ" އަށް ދިވެހިންގެ މިސްރާބު ޖަހާނެއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާއިރު ނައިބު ރައީސްއަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ. މުއިއްޒަކީ ފެހި ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއަށް ވާއިރު މުއިއްޒަކީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ދެވަނަ ރާއްޖެ ތެރޭގެ ރައީސްވެސްމެއެވެ.

ޑރ. މުއިއްޒު ހޯދެވި ކާމިޔާބީއަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއަކަށްވާއިރު "ކިންގް މޭކާއެއް" ނެތި މިދިޔަ 2018 ވަނަ އަހަރު 134,705 ވޯޓާއެކު އިންތިހާބުވެވަޑައިގެން ރައީސް ބަލިކުރެއްވުމަށްފަހު މުއިއްޒު ހޯއްދެވި ކާމިޔާބީއެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.