ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް ދިނުމަށް ފަހު މިހާރު ވަނީ އެފޮށީގެ ވޯޓުލުން ފެށިފައި ކަމަށެވެ.

ހަބީބް ވިދާޅުވީ ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި ވޯޓު ކަރުދާސް ދޫކުރާ މޭޒުން ވޯޓު ކަރުދާހާއި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށެވެ. އަދި މިހާތަނަށް އެއްލައްކަ ސާޅީސް އެއް ހާސް މީހުން ވޯޓުދިނުމުގެ ހައްގު އަދާކުރައްވާފައި ވާކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓް މީހުން ވޯޓުލުން ހިނގަމުންދަނީ އަމާންކަމާއި އޮމާން ކަމާއެކުގައި ކަމަށެވެ.

ވޯޓު ކަރުދާހެއްގައި ކުރުހާފައިވާ ކަމަށް ބުނެ ފުރަތަމަ ކަނބޮޑުވުން ފާޅުކުރައްވާ، ވީޑިއޯއެއް ހިއްސާކުރައްވާ އެ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި ކަމަށެވެ. އަދި އެ 3 ކަރުދާސް ދޫކޮށްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ޔަގީންވާ މީހުންނަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވަނީ ވޯޓު ބާތިލުކުރަން އެފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރި ވުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ އެ މައްސަލަ ފާހަގަވެގެން އެކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.