މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ފެށިތާ 2 ގަޑިއިރު ތެރޭގައި 65،600 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއަދު ވޯޓުލާން ފަށާފައިވަނީ ހެނދުނު 8 ޖަހާއިރު ކަމަށްވާއިރު އީސީއިން ބުނީ މިއަދު ހެނދުނު 10 ގެ ނިޔަލަށް 23.20 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރޭގައި 13.55 ޕަސެންޓަކީ ފިރިހެނުން ކަމަށާއި 9.65 ޕަސެންޓަކީ އަންހެނުން ކަމަށެވެ.

މި އަދަދާއެކު މި އިންތިހާބުގައި ވޯޓުލުމަށް ހައްގުހަމަވާ މީހުންގެ ތެރެއިން 217،204 މީހަކު އަދި ވޯޓު ނުލާއިރު އެއީ 76.80 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރެއިން 246،492 މީހުން ވޯޓު އަދި ލާފައި ނުވާ ކަމަަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.

ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.