މީގެ 10 އަހަރު ކުރިން ހަދަން ފެށި "ސިފްކޯ ހިޔާ" އަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތައް ރިޔާސީ އިންތިހާބުގެ ކުރިން ކަނޑައަޅާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ސިފްކޯ ހިޔާ އަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނެސް މިހާރު ފްލެޓް ދެނީ އެންމެ 10 ފަރާތަކަށް ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ދޮގުކޮށް އެމްއެންޑީއެފް އިން ވަނީ ބަޔާނެއް ނެރެފައެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ބުނީ ފްލެޓް ދިނުމަށް އެކުލަވާލެވުނު ކޮމިޓީގެ ރެކޮމެންޑޭޝަން ތަކާ އެކު، ރިޔާސީ އިންތިހާބުގެ މާކުރިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާކަމަށެވެ. އަދި މިއަހަރުގެ ޖުލައި 24 ވަނަ ދުވަހު ސިފައިންގެ މައި މަރުކަޒުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ވަނީ ގައުމީ ދިފާއީ ބާރުގެ އެކި ކަންކަމާއި ގުޅުވައިގެން ކަންކަމުގެ ހަގީގަތް އޮޅުވާލައި މުއައްސަސާގެ ނަން ކިލަނބުކޮށްލުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ސިފްކޯ ފްލެޓްތަކުގެ އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މީގެ ކުރިން އެމްއެންޑީއެފް އިން ބުނީ ސިފްކޯ ހިޔާގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި މިވަގުތު ހިދުމަތުގައި ތިއްބެވި ސިފައިންނާއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށޭނެ ކަމަށެވެ.