80 ޕަސެންޓަށްވުރެ ގިނަ މަރުކަރުގައި ވޯޓުލާން ފަށައިފި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިފަދައިން ވިދާޅުވެފައި ވާއިރު މި ބުރުގައި 9 ވޯޓު ފޮށި ރާއްޖެއިން ބޭރުގައި ބަހައްޓަން ވަނީ ނިންމާފައެވެ. މިދިޔަ ބުރުގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިވަނީ 8 ފޮށި ކަމަށްވީ ނަމަވެސް މި ފަހަރު އިތުރ އެއް ފޮށި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ބަހައްޓާފައެވެ.
އެގޮތުން ޔޫއޭއީ، އަބޫދާބީގައި އެއް ފޮށި އިންޑިއާ، ޓްރިވެންޑްރަމް އަދި ސްރީލަންކާ، ކޮލޮމްބޯގައި ދެ ފޮށި މެލޭޝިއާ، ކުއަލަލަމްޕޫރު ގައި ތިން ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު އިންގްލޭންޑް، ލަންޑަައި ބަހައްޓަނީ އެއް ފޮއްޓެވެ.
އެ ގައުމުތަކުގެ ތެރެއިން ލަންޑަނާއި އަބޫދާބީގައި ބެހެއްޓި ވޯޓި ފޮއްޓަށް ކަނޑައެޅިފައިވާ ވަގުތު ނުޖެހޭތީ ވޯޓުލާން ފަށާފައިނުވެއެވެ. ލަންޑަނުގައި ވޯޓުލާން ފަށަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:30 ގައެވެ. އަދި އަބޫދާބީގައި ވޯޓުލާން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10 ޖަހާއިރެވެ.
ރިޔާސީ އިންތިހާބުގެ މި ބުރުގައި 282604 މީހަކަށް ވޯޓުލުމުގެ ހައްގު ހަމަވާއިރު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މި ބުރު ކުރިއަށް ގެންދަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމާ ގުޅިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންގެ މެދުގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ. އަދި ރިޔާސީ އިންތިހާބުގެ މިދިޔަ ބުރުގެ ފަހުން އިތުރު 409 ކުއްޖަކަށް 18 އަހަރުވެ މި ބުރުގައި ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ.