އަމީނީމަގުގެ ބާކީ އޮތް ސަރަހައްދު ކަމަށްވާ ހައުސިން މިނިސްޓްރީ އާއި ދިރާގުގެ މައި އިދާރާ އާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތްތައް މި ރިޔާސީ އިންތިހާބަށް ފަހު ފަށައި ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މާލޭގެ މައި އެއް މަގު ކަމަށްވާ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. 210 ދުވަހުގެ ތެރޭ ނިންމަން ހަވާލުކުރި މަސައްކަތް ފުރަތަމަ ނިންމަން ހަމަޖެހިފައި އޮތީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ނަމަވެސް އެ ތާރީހަށް ނުނިމޭނެ ކަމަށާއި، ނިމޭނީ އިއްޔެ އަށް ކަމަށް، ފެބްރުއަރީގައި ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އެކަމަކު ޕްލޭނިން މިނިސްޓްރީން ދިން ތާރީހު ކަމަށްވާ އިއްޔެގެ ނިޔަލަށް އަމީނީމަގު އެއްކޮށް ނުނިމުނު ކަމުގައި ވިޔަސް، ދަރުބާރުގެ އިން ފެށިގެން ހައުސިން މިނިސްޓްރީގެ އިދާރާ އާ ހަމައަށް ތާރު އަޅައި މަގުތަކުގައި ކުލަ ލައި ދުވާރު ހެދުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ. އެންމެ ފަހުން ވެސް އާރުޑީސީން އަމީނީމަގުގެ މަސައްކަތެއް ކުރި ކަމަށް ދައްކަނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން މަސައްކަތެއް ނުކުރާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ދަ ޕްރެސް' އަށް ވިދާޅުވީ، އަމީނީމަގުގެ މަސައްކަތްތައް ހުއްޓާލީ މި ދުވަސްވަރަކީ އިންތިހާބުގެ ދުވަސްވަރު ކަމަށް ވާތީ، އާންމުންނަށް އުނދަގޫވާނެތީ ކަމަށެވެ.

"ހުއްޓާލީ ޓްރެފިކަށް އުނދަގޫވާނެތީ، ބަހާ އެއްޗިއްސަށް ދާން އުނދަގޫވާނެތީ،" އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، އިންތިހާބަށް ފަހު މި ފެށޭ އޮކްޓޯބަރު ގައި މަސައްކަތް އަލުން ފަށައި، މި މަހުގެ ކުރިން ނިންމާލެވޭ ވަރު ވާނެއެވެ.

މިކަމާ ގުޅިގެން އާރުޑީސީގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

އަމީނީމަގުގެ މިހާރު ނުނިމި އޮތް ސަރަހައްދަކީ އެންމެ ބުރަ ބޮޑު އެއް ސަރަހައްދެވެ. ހައުސިން މިނިސްޓްރީ އާއި ދިރާގުގެ މައި އިދާރާ އާ ދެމެދު އޮތް އެ ސަރަހައްދަކީ އާންމު ގޮތެއްގައި ވެސްޓް ޕާކާއި ހުޅުމާލެ އާ ދެމެދު ބަސްތައް ދުއްވާ ސަރަހައްދެވެ.