‎މަންމަގެ ފަރާތުން އަނިޔާ ލިބެމުން ދިޔަ ކުޑަކުއްޖަކު މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ ކުޑަކުއްޖަކަށް ކުއްޖާގެ މަންމަ އަނިޔާކުރާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ވެސް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ

އެފަދަ ހާދިސާއެއް ފެނިއްޖެނަމަ ސޯޝަލް މީޑިއާގައި ވީޑިއޯ ނުވަތަ ފޮޓޯ ހިއްސާ ނުކޮށް ވީ އެންމެ އަވަހަށް އެކަން ޖެންޑާ މިނިސްޓްރީގެ ނަންބަރު 1412 ނުވަތަ ދިވެހި ފުލުހުންގެ ނަންބަރު 3322111 ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ޖެންޑާ މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ ގެއިން ނުކުންނަ ވަގުތު ކުއްޖާގެ މަންމަ ކުއްޖާގެ ގައިގައި ޖަހާތަން ފެނެއެވެ. އަމީނިއްޔާ ސުކޫލުގެ އެކްޓިވިޓީ ޔުނީފޯމުގައި ހުރި އެ ކުއްޖާ ގެއިން ނުކުންނަނީ ސްކޫލު ދަބަސް ހިފައިގެން ސުކޫލަށް ދިއުމަށް ކަމަށް ލަފާ ކުރެވެއެވެ.