ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ނިޒާމު ތަރުތީބު ކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ފުރުސަތު ނޯންނާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި އެއްގޮތް އުސޫލުތަކެއް ހިފަހައްޓައި, ހަރުދަނާ, ނަޒާހާތްތެރި އަދި ދެފުއްފެންނަ ގޮތުގައި މަސައްކަތްކުރުމަށްޓަކައި އެ އޮފީސް އުފެދުނީއްސުރެ ހިފަހައްޓަމުން ގެންދާ ހަމަތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ހަމައަކީ ޖިނާއީ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރުން އަޅާ ކޮންމެ ފިޔަވަޅެއް ފައިނަލް ވުމުގެ ކުރިން އިތުރު ރައުޔެއް ހޯދުން ކަމަށާއި އެކަކަށް އެކަނި ފެންނަ ގޮތަށް މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

ޖިނާއީ މައްސަލަތަކުގެ ކުޑަ ބޮޑު މިނާއި ބާވަތަށް ބަލައި، ކޮންމެ މައްސަލައެއްވެސް ކޮންމެވެސް ޔުނިޓެއްގެ އިހްތިސޯސްގެ ތެރެއަށް ފެތޭގޮތަށް އެ އޮފީހުގައި ޔުނިޓްތަކެއް ގާއިމުކޮށްފައިވާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ހިމެނެނީ އެ ޔުނިޓުގައި އެ ވަގުތަކު މަސައްކަތްކުރާ ޕްރޮސިކިއުޓަރުންގެ އިތުރުން، ޔުނިޓު ހެޑުންނާއި، ޔުނިޓުގެ އޯވަރޯލް އިންޗާޖު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މަދުވެގެން އަހަރަކު އެއްފަހަރު ޔުނިޓުތަކަށް ކަނޑައަޅާފައިވާ ޕްރޮސިކިއުޓަރުންނާއި ޔުނިޓު ހެޑުން އަލުން ބަހާލައި ޔުނިޓުތައް އެކުލަވާލާއިރު ކޮންމެ ޔުނިޓެއްގައިވެސް އެއް ޔުނިޓް ހެޑަށްވުރެ ގިނަ ޔުނިޓު ހެޑުން ތިބޭ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި އޯވަރޯލް އިންޗާޖެއް ހުންނާނެ ކަމަށާއި ކޮންމެ ޔުނިޓެއްގެ އޯވަރޯލް އިންޗާޖްއަކީ ނުވަތަ އިސް ވިލަރެސްވެރިޔަކީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ޕިޖީ އޮފީހުން އިތުރަށް ބުނީ ޕްރޮސިކިއުޓާ މައްސަލަ ދިރާސާކޮށް، އެ ޕްރޮސިކިއުޓަރަކަށް ފެންނަ ފިޔަވަޅެއް އެޅުމަށްފަހު އެ ޕްރޮސިކިއުޓަރަކަށް ކަނޑައެޅިފައިވާ ޔުނިޓު ހެޑުގެ ރިމާކްސްއަށް ފޮނުވާނެ ކަމަށެވެ. އެއަށްފަހު ޕްރޮސިކިއުޓާ އެޅި ފިޔަވަޅާމެދު ޔުނިޓު ހެޑް އެއްބަސްވާނަމަ، އެ ފިޔަވަޅު ޔުނިޓުގެ އޯވަރޯލް އިންޗާޖްގެ އެޕްރޫވަލްއަށް ފޮނުވާނެ ކަމަށާއި އެއްވެސް ފިޔަވަޅެއް ފައިނަލްވާނީ އެ ހުރިހާ ލެވަލްތަކުން ޕްރޮސިކިއުޓާ އެޅި ފިޔަވަޅަށް އެއްބަސްވެވޭނަމަ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ޕްރޮސިކިއުޓަރާއި ޔުނިޓު ހެޑުންނާ ދެމެދު ދެބަސްވުމެއް އޮތްނަމަ، ދެބަސްވާ ކަމެއް ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާކުރެވި، ދެފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވާއިރު އެ އޮފީހުން މައްސަލަތަކާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް ފައިނަލް ވުމުގެ ކުރިން އެ ކަންކަން ފުރިހަމަވާންޖެހެއެވެ. އޭގެ ތެރޭގައި މައްސަލައެއްގައި ދައުވާކުރުމަށް ނިންމިނަމަވެސް ނުވަތަ ނުކުރުމަށް ނިންމިނަމަވެސް ނުވަތަ މީހަކު ފޮނުވި ސިޓީއަކަށް ޖަވާބުދިނަސް މި ހުރިހާ މަރުހަލާތަކުގައި މަޝްވަރާކުރެވޭނެއެވެ. އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ މިނޫން ގޮތަކަށް މިކަން ނުކުރެވޭ ގޮތަށެވެ.

އެ އޮފީހުން ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމި ސަބަބާއެކު ރެކޯޑު ކުރާ ކަމަށާއި އެ ނިންމުމާ ދެބަސްވާ މީހުން ދެބަސްވާކަންވެސް ސަބަބާއެކު ލިޔަންޖެހޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ކަނޑައަޅާފައެވެ. އެގޮތަށް އަމަލުކުރުމުން މި އޮފީހުގެ މަސައްކަތަކީ ޖަވާބުދާރީ ކުރުވަނިވި ނިޒާމަކުން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރެވޭ ކަމަށާއި މަސައްކަތް ނަޒާހާތްތެރިކަން އަދި އެއްގޮތް މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ އެއްގޮތްކަން ހިފެހެއްޓޭ ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ އެ ނިޒާމު ތަރުތީބުކޮށްފައިވާގޮތުން ކޮރަޕްޝަނަށް ފުރުސަތު ނޯންނާނެ ކަމަށެވެ. އެއީ އެކަކު އެކަނި ނިންމާ ނިންމުމެއް އެ އޮފީހުގައި ނޯންނާނެތީ ކަމަށާއި ވަކި މުއްދަތަކުން ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް އެކި ގޮތްގޮތަށް ބަދަލުކުރެވޭތީ ކަމަށެވެ.

އެ އޮފީހަކީ ފެށުނީއްސުރެ ވެސް މަޝްވަރާގެ އުސޫލުން ކަންކަން ނިންމާ އޮފީހެއް ކަމަށާއި ޕްރޮސިކިއުޝަންގެ މަސައްކަތް ހިންގުން ބައްޓަންކޮށްފައިވަނ މަޝްވަރާކޮށްގެން ނޫނީ ކަންކަން ނުނިންމޭނެ ގޮތަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.