ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން މަސައްކަތްކުރި ފަސް މިލިއަނެއްހާ ރުފިޔާގެ ހެރޮއިން އަތުލައިގެންފިއެވެ.

ކަސްޓަމުން މިއަދު ބުނީ، މި މަހުގެ 18 ގައި ދުބާއީ އިން ރާއްޖެ އަށް އައި އެއާ ކާގޯ ޝިޕްމެންޓަކުން ހެރޮއިން ފެނުނީ މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އެ ޝިޕްމެންޓު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ހިދުމަތުން ބުނީ، ބަލައި ފާސްކުރެވުނު ޝިޕްމެންޓުގައި އޮތް ހަތް ޕެކޭޖުގެ ތެރެއިން ދެ ޕެކޭޖެއްގެ ތެރޭ ހުރި މުދަލުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތައް ފެނިފައިވާ ކަމަށާއި، ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކޮށް ބެލި ބެލުމުން ހެރޮއިނަށް ޕޮޒިޓިވް ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ހުރީ 4.03 ކިލޯ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 5.02 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލަ ބެލުމަށްޓަކައި ފުލުހުންނާ އެ ތަކެތި ހަވާލުކުރި ކަމަށް ބުނި ނަމަވެސް، އެ މައްސަލައިގައި މީހަކު އަތުލައިގަތްކަން ކަސްޓަމުން ހާމައެއް ނުކުރެއެވެ.