އާބާދީ ކަނޑައެޅިފައިވާ ގޮތަށް ބަލާ، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 6 ދާއިރާއެއް އިތުރުކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު 93 އަށް ބަދަލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް 2 މެންބަރުންނެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެކެވެ.

އީސީ އިން ކުރި އިއުލާނުގައިވާ ގޮތުން މާލެ ސިޓީއަށް ދެ ގޮނޑިވަނީ އިތުރު ކޮށްފައެވެ. މިހާރު މާލެ ސިޓީގެ ގޮނޑީގެ އަދަދަކީ 15 އެވެ. މިހާރު ގެނައި ބަދަލާއެކު މާލެ ސިޓީއަށް ޖުމްލަ 17 ގޮނޑި ލިބޭނެއެވެ. މީގެ އިތުރުން ބ. އަތޮޅަށް 1 ގޮނޑި އިތުރުކޮށްފައި ވާއިރު ކ. އަތޮޅަށްވެސް ވަނީ 1 ގޮނޑި އިތުރުކޮށްފައެވެ. މީގެ އިތުރުން ގއ. އަތޮޅަށް 1 ގޮނޑި އިތުރުކޮށްފައި ވާއިރު އައްޑޫ ސިޓީއަށްވެސް ވަނި 1 ގޮނޑި އިތުރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރަށް އިތުރުވި 6 ދާއިރާ އަކީ:

1- ހުޅުމާލެ މެދު ދާއިރާ

2- ހުޅުމާލެ އުތުރު ދާއިރާ

3- ހިތާދޫ ދާއިރާ (މިލަދުންމަޑުލު ދެކުނުބުރި) ހިތާދޫ، މާޅޮސް، ދަރަވަންދޫ

4- ހުރާ ދާއިރާ (މާލެ އަތޮޅު)ހުރާ، ހިންމަފުށި، ގުޅީ

5- ކޮލަމާފުށި ދާއިރާ (ހުވަދުއަތޮޅު އުތުރުބުރި) ކޮލަމާފުށި، ދެއްވަދޫ

6- ފޭދޫ އުތުރު ދާއިރާ (އައްޑޫ ސިޓީ) ފޭދޫ، މަރަދޫފޭދޫ.

މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަނިކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އީސީ އިން ކުރި އިއުލާނުގައިވާ ގޮތުން ބައެއް ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައި ވެއެވެ. އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލު ކޮށްފައެވެ.

އީސީ އިން ބުނީ މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 19 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.