ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަސް ޗުއްޓީއެއްގެ ގޮތުގައި ލިބޭނެ ގޮތް ހެދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ރިސޯޓްތަކުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދަވާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ އާއިލާތަކެއް ބަލަހައްޓާ ބަޔަކަށް ވާއިރު، އެ ދާއިރާއާ ގުޅޭގޮތުން ހިތްހަމަޖެހޭ ކަންތައްތަކާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރިކަން، ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު އެގިވަޑައިގެންނެވިކަމަށެވެ.
މިގޮތުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ހަފުތާއަކު މަސައްކަތްކުރާ 48 ގަޑިއިރު 40 ގަޑިއިރަށް މަދުކޮށް ހަފުތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދުނުކަން ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިނިމަން ވޭޖު ކަނޑައެޅި ގޮތަށް ރިސޯޓު އޯނަރުންނާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލަ ހައްލުކުރުމަށް އެ މަގާމުތަކަށް ދިވެހިން ތަމްރީނު ކުރުމަށް ޓޫރިޒަމް އިންޑްސްޓްރީއަށް ސްކޮލަޝިޕް ސްކީމެއް އުފައްދަވާނެ ކަމަށެވެ. އަދި އޭގެ ދަށުން ޖެނެރަލް މެނޭޖަރުންނާ ހިސާބަށް މީހުން ތަމްރީނުކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިނިމަން ވޭޖު ކަނޑައެޅުމާ އަދި އިތުރު ގަޑީގެ އިނާޔަތާ ގުޅޭ ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
ރައީސް ސޯލިހު ވަނި ކުރިއަށް އޮތް ދައުރުގައި ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހައުސިން ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.