މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑޫއޭއިން ހެދި ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.

އެގޮތަށް އެމްޑީއޭ އިން ނިންމާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަށް ކޯލިޝަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހުށަހެޅީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސްއެވެ. އަދި އެ ހުށަހެޅުމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވަނީ ތާއީދު ކުރައްވާފައެވެ.

އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމްޑީޕީގެ ކޯލިޝަނަށް އެމްޑީއޭއިން ދިޔައިރު ޕީޕީއެމްއިންވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި އޮތެވެ.

އެމްޑީޕީއާ އެކު ހެދި ކޯލިޝަނާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގައި އެމްޑީއޭގެ އިސްވެރިން ވަނީ ރައީސް ސޯލިހުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެތައް ދަތުރެއް ކުރައްވާފައެވެ.

އެ ކޯލިޝަން ރޫޅާލަން އެމްޑީއޭއިން މިރޭ ނިންމާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ބާއްވާ ސިޔާސީ އެއްވެސް ހަރަކާތެއްގައި އެމްޑީއޭއޭގެ ލީޑަރު ބައިވެރިވެ ވަޑައިނުގަންނަވާކަން ފާހަގަވެފައި ވަނިކޮށެވެ.

އެމްޑީއޭއިން ކޯލިޝަން ރޫޅާލި ސަބަބު އަދި ސާފު ނުވި ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހާއި ޑރ. މުއިއްޒާ ދެމެދު 15 ހާސް ވޯޓުގެ ފަރަގު އޮތުމާއި ދެވަނަ ބުރުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދާނެ އިތުރު ޕާޓީއެއް ނުލިބުމާއެކު ރައީސް ސޯލުހަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.