މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްގީކުރި، "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިފިއެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. މިތަން ތަރައްގީކޮށްފައި ވަނީ، އާބަންކޯ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ، އެތަން ހާއްސަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކަމަށެވެ.

މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެ ކަމަށާއި "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ހިދުމަތަކީ އާބަންކޯގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ، މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއްނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެތަން ބައްލަވާލައްވާ، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.