މިމަހުގެ 17 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް ނާތިފް އަބްދުއްސަލާމް 28އ ފެނިއްޖެއެވެ.
ނާތިފް އޭނާގެ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިމަހު 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާއިރު ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާލެއިންވަނީ އޭނާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭނާ ގެއްލިގެން ހޯދަން އިއުލާން ކުރިއިރު ފުލުހުން ވަނީ އޭނާ މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 15 ދުވަހު ކަަމަށް އާއިލާއާ ހަވާލާދީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެއްލޭ މައްސަލަ އިތުރު ވަމުންދާއިރު މިގޮތަށް ގެއްލިގެން ހޯދަން އިއުލާނު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނަކަން ފުލުހުން ފާހަގަކުރެއެވެ.
މިގޮތުން މިމަހު 17 ވަނަ ދުވަހު ވެސް ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މާލޭގައި ދިރިއުޅެމުންދާ އުމުރުން 21 އަހަރުގެ އއ. މާޅޮސް ހުސްނޫވިލާ، އަލީ ރިޝާން ގެއްލިގެން ހޯދަމުންދާތާ ދެދުވަސް ފަހުން އޭނާ ވަނީ އާއިލާއަށް ގުޅާފައެވެ.
ހަމައެހެންމެ މިމަހު 16 ވަނަ ދުވަހުވެސް އުމުރުން 50 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާވެސް ވަނީ ފެނިފައެވެ.