ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފުލުހަށް ހާޒިރުވެއްޖެ އެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
އަދި އިއްޔެ ރޭ އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު ފުލުހުން ބުނީ އިމްތިޔާޒް ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓު ކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އެ ކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސްް ބުންޏެވެ.
ނަމަވެސް އޭނާ އުޅުނީ ކޮންތާކު ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު މީގެ ކުރިން ވެސް މީހުން ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައި ވެއެވެ. އަދި ހޯދަން އިއުލާން ކުރާތާ މާ ގިނައިރުތަކެއް ނުވެ އެ މީހުން އަމިއްލައަށް ފުލުހަށް ނުވަތަ އާއިލާއަށް ހަބަރުވެފައި ވެއެވެ.
