ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި ގޮތުން މިމަހު 16 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ، ފުރަތަމަ މަރުހަލާގެ ތަހުލީލުގައި މި ތަކެތި އެމްޑީއެމްއޭއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ 840 ހާސް ރުފިޔާގެ މަސްތުވާތަކެއްޗެވެ.

ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހުވެސް ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 490 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން ބުނީ، ފުރަތަމަ މަރުހަލާގެ ތަހުލީލުގައި މި ތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި (1040 ގުރާމްގެ މެފެޑްރޯން) ކަސްޓަމްސް އިން ވަނީ މިދިޔަ އޭޕްރީލް މަހު ވެސް އަތުލައިގެންފައެވެ.