ކޮވިޑާ ގުޅިގެން އެސްޑީއެފްސީން އިން ދީފައިވާ ވިޔަފާރި ލޯންތަކުގެ އިންޓަރެސްޓް ކަނޑާލައި މިހާތަނަށް ދެއްކި އިންޓަރެސްޓް އަނބުރާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، މާވެޔޮ މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޮވިޑާ ގުޅީގެން ވަރަށް ގިނަ ދަތިތައް އާންމު ރައްޔިތުންނަށް ކުރިމަތިވި ކަމަށާއި އެކަމުން އަރައިގަތުމަށް އެސްޑީއެފްސީ މެދުވެރިކޮށް ބައެއް ލޯން ނޭގޭނެ އިންތިޒާމްތައް ހަމަޖައްސެވި ކަަމަށެވެ. މާލޭގައި ކުރިއަށް ގެންދަވާ ދޮރުންދޮރަށް ކެމްޕެއިންގައި ބައެއް ރައްޔިތުން ވަނީ އެ ލޯންތައް ދެއްކުމުގެ މުއްދަތު އިތުރު ކުރުމަށާއި އިންޓަރެސްޓް ކަނޑާލުމަށް އެދިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެސްޑީއެފްސީ އިން ނަގާފައިވާ ލޯންގެ އިންޓަރެސްޓް ދެން ދައްކަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް އިންޓަރެސްޓް ދައްކާފައި ތިބި މީހުންނަށް އެމީހުން ދެއްކި ފައިސާ އަނބުރާ ދެއްވާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލޯން ދައްކަން ދީފައިވާ މުއްދަތު ކަމަށް ބުނާ 10 އަހަރު ދަމާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19 ލޯނު ދޫކުރުމަށް އެސްޑީއެފްސީ އާ އެކު މިނިސްޓްރީ އޮފް ފިނޭންސުން ސޮއިކުރި ފަހުމުނާމާގައި ލޯނު ދޫކުރުމުގެ ކުރިން ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަން ވަޒަން ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި ނުވެއެވެ. އެ ލޯނު ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، އެ ދަތި ދަނޑިވަޅުން އިގްތިސޯދު އަރައިގަތުމަށް އެހީތެރި ވުމުގެ ގޮތުން ފެށި ސްކީމެކެވެ.