ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގެ 9 އަކަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯލު ލުމަށް ރީރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަލޫމާތު ހިމެނޭ ލިސްޓް އާންމު ކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭގެ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ 9:00 ގެ ނިޔަލަށް ހުޅުވާލައިފާ ވާ ކަމަށެވެ.

ޝަކުވާ ހުށަހަޅަންވީ ވަގުތު: މިރޭ 9:00 އިން ހޮނިހިރު ދުވަހުގެ ރޭގެ 9:00 އަށް

  • ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް
  • ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ރޭގަނޑު 09:00 އަށް

އެ ލިސްޓް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އޭގެއިތުރުން "VR" ޖަހާފައި ސްޕޭސް އެއް ދޫކޮށްފައި އެ މީހެއްގެ އައިޑީކާޑް ނަންބަރު ޖެހުމަށް ފަހު 1414 އަށް މެސެޖެއް ފޮނުވުމުން ވެސް އެމީހަކު ރަޖިސްޓްރީ ވެފައިވާ ތަން އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެ ކަމަށް އީސީން ބުނެއެވެ.

މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ބޭނުން ކޮށްގެން ކަމަށް އީސީން ބުނެއެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން ބުނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރާއްޖެއިން ބޭރުގައި ތިބި ނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރެވޭ ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ކަމަށް އީސީން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ކަމަށް ވެސް އީސީން ބުނެއެވެ.