ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އާބަންކޯއިން ނަގަމުންދާ ކަމަށް ބުނެފިއެވެ.

އާބަންކޯ އިން މިހެން ބުނެފައި ވަނީ އެ އުޅަނދުތައް ނެގުމަށް އެކި ފަހަރު މަތިން އިއުލާންކޮށް އެކި ގޮތްގޮތުން އެންގުމުން ވެސް އެ އުޅަނދުތައް ނުނަގާ ހުރުމުންނެވެ. އެގޮތުން ފޭސް 3 ގެ ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް އރިއާ އޭ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑު އުޅަނދުތައް ނަގަމުން ދާ ކަމަށް އާބަންކޯ އިން ބުނެއެވެ.

ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.

މީގެއިތުރުން އަލަށް ހިއްކާ މި ބިމުގައިގައި ދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ބިން ބޭނުންކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.