ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 490 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި ގޮތުން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ، ފުރަތަމަ މަރުހަލާގެ ތަހުލީލުގައި މި ތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ. އެގޮތުން ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި (1040 ގުރާމްގެ މެފެޑްރޯން) ކަސްޓަމްސް އިން ވަނީ މިދިޔަ އޭޕްރީލް މަހު ވެސް އަތުލައިގެންފައެވެ.