މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައި ވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 4.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 7 ޕަސެންޓުގެ އިތުރުވުމެކެވެ.

އޮގަސްޓު މަހުގެ ތެރޭގައި އެކްސްޕޯޓުކުރި މުދަލުން ލިބުނު އާމްދަނީ ދަށްވިނަމަވެސް އިމްޕޯޓްކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައި ވެއެވެ.

އެގޮތުން މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަގު 93 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން ބޭރުކޮށްފައި ވަނީ 125 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 3324 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 391 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ގައުމުތަކުގެ ތެރޭގައި އޮމާނުން 887 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، އިންޑިއާއިން އެތެރެކޮށްފައި ވަނީ 736 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން ވަނީ 398 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައެވެ. އަދި ޔޫއޭއީއިން އެތެރެކުރީ 648 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ޖަރުމަނު ވިލާތުންނެވެ. ދެން އިނގިރޭސި ވިލާތު، ތައިލެންޑާއި އިންޑިއާ އަދި ފްރާންސްއަށެވެ.