ގަމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ ހެލިކޮޕްޓަރުން، ރޭގަނޑު ކުރިއަށް ގެންދިޔައީ ޓެސްޓު ދަތުރުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ގަމުގައި އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓާ ރޭގަނޑުގެ ވަގުތުގައި އާދަޔާ ހިލާފު ގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެގިތުން ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަކީ ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށް ވާތީ، ހެލިކޮޕްޓަރުގެ އެކިއެކި އިންސްޓްރޫމަންޓްސް ގެ އޮޕަރޭޝަނަލް ރެޑިނަސް [ހެލިކޮޕްޓަރުގައި ހުންނަ އާލާތްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުން] ހިފެހެއްޓުމަށާއި ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަން ތަކަށް އަހުލުވެރި ވުމަކީ ގަވައިދުން ކުރަންޖެހޭ ކަމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަކިން ހާއްސަކޮށް ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑުވެސް ދަތުރުތައް ކުރަން ޖެހޭތީ، އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓާ، ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށްވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމްއެންޑީއެފުން ފާހަގަ ކުރިއެވެ.

އެމްއެންޑީއެފުން ބުނީ، ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރުތައް ސްޓޭޝަން ކުރެވިފައިވާ އެމްއެންޑީއެފްގެ އޭރިޔާ ކޮމާންޑްތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދާ ކަމަށެވެ. މިގޮތުން އިއްޔެރޭގެ ވަގުތެއްގައި ގަމުގައި އޮންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓެއް ބާއްވާފައި ވަނީ ވެސް އެއުސޫލުން އެމްއެންޑީއެފްއިން ހުއްދަދީގެން އެމްއެންޑީއެފްގެ ސަދަން އޭރިޔާ ކޮމާންޑުގެ ބެލުމުގެ ދަށުން ކަމަށް ބުނެފައި ވެއެވެ.