ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ޝްރީލަންކާގެ 5 މަސްބޯޓް، މާލެ ގެނެސް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ޝްރީލަންކާގެ އެ މަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

މިގޮތުން މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ މި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

މިހާރު މި ބޯޓްތައް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ސެޕްޓެންބަރު 20 ވަނަ ދުވަހު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިންދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.