ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި 10 ބުރިއަށް ގެ އެޅޭގޮތަށް އުސޫލު ބަދަލު ކުރުމަށް ހުށަހަޅާފައި ވާނެ ކަމަށް އާބަންކޯއިން ބުނެފިއެެވެ.
އާބަންކޯއިން ބުނީ އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ މިހާރު ގަވައިދު އެކުލަވާލާފައިވާ ކަމަށެވެ. އަދި ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއި އެކު 10 ފަންގިފިލާގެ ގަވައިދަށް އަމަލު ކުރެވެން ފަށާނެ ކަމަށެވެ.
އިމާރާތް ކުރުމާއި ގުޅޭ އުސޫލު އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވަނީ ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ، މަސައްކަތްފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިއަދު އާންމު ކުރި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ 6 ފަންގިފިލާ ކަމުގައި ވީނަމަވެސް އެ ގަވާއިދު ގެޒެޓު ކުރުމާއެކު އެ އުސްމިން 6 ފަންގިފިލާއިން 10 ފަންގިފިލާއަށް ބަދަލުވެގެންދާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން މިއަދު ނެރުނު އުސޫލުގައި ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށާއި އެންމެ ގިނަވެގެން ހެދޭނީ ހަ ފަންގިފިލާ ކަމަށް ބުނެފައެވެ. އަދި އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ ދުވާރުން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމުގެ މަތީ ކައިރިއާ ހަމައަށް ކަމަށްވެސް ވެއެވެ.
މީގެ އިތުރުންވެސް ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެ ކަމަށާއި އިމާރަތުގެ އުސްމިން 15 މީޓަރަށް ވުރެ އުސްވާނަމަ ނުވަތަ ފަސް ފަންގިފިލާއަށް ވުރެ މައްޗަށް ނަގާނަމަ ލިފްޓު ހިމަނަން ވާނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.
މީގެ ކުރިން ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތްތައް އެންމެ މައްޗަށް އުފުލުމުގެ ހުއްދަ އޮތީ 7 ބުރިއަށެވެ. ނަމަވެސް އުސޫލު ބަދަލުކޮށް 31 މީޓަރަށް (10 ބުރިއަށް) ރެޒިޑެންޝަލް އިމާރާތްތައްވެސް ނެގޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.