މިހާރު ފެންނަމުން ދާ މަންޒަރަކީ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އަދި އެހެނިހެން ކެންޑިޑޭޓުންނަށް ދިން ވޯޓުގެ ބޮޑު ޕަސަންޓެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަދަލުވަމުން ދާ މަންޒަރު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ އިން ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި މަހްލޫފު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްރަށުން އެމްޑީޕީ އަށް މެޖޯރިޓީ ލިބޭނެ ކަމަށެވެ. ކެމްޕެއިންގައި ރަށްރަށަށް ވަޑައިގަތުމުން އިވިވަޑައިގެންނެވި އަޑަކީ އަދި ފެނިވަޑައިގެންނެވި މަންޒަރަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންތައް ކުރައްވާ ގޮތުން އެ ޕާޓީގެ މެންބަރުންގެ ހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުން ކަަމަށެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކުން އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދު އާ މެދު ދެކޭ ގޮތް ބަދަލުވާނީ ލޯތްބަކަށް ނުވަތަ ނަފުރަތަށް ކަމަށެވެ. ޑިމޮކްރެޓްސް އިން ވެސް އެމްޑީޕީން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވަމުން މަހްލޫފު ވިދާޅުވީ އުއްމީދަކީ މި އިންތިހާބު ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސް އިން ފަސޭހަ ކޮށްދިނުން ކަމަށެވެ.

މީގެ އިތުރަށް މަހްލޫފު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން ނުކުތީ އުއްމީދުކުރި ފަދަ ނަތީޖާއެއް ނޫންކަމަށެވެ. "ޕީޕީއެމް އިން ނުކުމެ އަދި އަޅުގަނޑުމެންގެ ހަރުގެ ދޮށަށް އެއްވެ ހަޅެމޭއްލަވާ ހަޖޫޖަހާ ހިސާބަކަށް ނުދޭ. އަޅުގަނޑުމެން އަދި މި އިންތިހާބަކުން ބައްޔެއް ނުވޭ" މަހްލޫފު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވަމުން މަހްލޫފު ވިދާޅުވީ ނިމިގެން ދިޔަ އިންޑިއަން އޯޝަން ގޭމްސްގައި ރައީސް ސޯލިހްގެ ކުޅިވަރު ސިޔާސަތު ބަދަލުކޮށްގެން ރާއްޖެއަށް 28 މެޑެލް ލިބިފައި ވާކަމަށެވެ. އެއީ ތާރީހުގައި މިހާތަނަށް ކުޅިވަރުގެ ދާއިރާއިން ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.