މިސަރުކާރުން ހަދަނީ ދޮގު ކަމަށާއި، ކުންފުނިތަކުގައި ތިބި މީހުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އަދި ޗެނަލް 13 އާ ގުޅިގެން ކުރިއަށް ގެންދިޔަ "އާސްކް މުއިއްޒު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އާންމު މީހަކު ވަނީ ވަޒިފާތަކުން ކަނޑާލާ ވާހަކަތަކާ ގުޅިގެން މުއިއްޒުއަށް ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަތުރަމުންދަނީ ދޮގު ވާހަކަ ކަމަށާއި، ހާއްސަކޮށް އެކަން ފުރަތަމަ ބުރަށް ވުރެވެސް ދެވަ ބުރުގައި މާ ބޮޑު ވެއްޖެ ކަމަށެވެ. މިބުރުގެ ވަޑައިގެންނެވި 31 ރަށުގެ ތެރެއިން ގާތަގަނޑަކަށް 25 ރަށަކުން އެސުވާލު އުފައްދާފައިވާ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ކުންފުނިތަކުގައި ތިބި މީހުން ކަނޑާލާނަންތޯ ނޫނީ ކުންފުނި އުވާލާލަންތޯ އަދި މަޝްރޫއުތައް ނުހިންގާނޭ ބުނެ އާންމުންގެ މެދުގައި ބިރު އުފައްދަމުން އަންނަ ކަމަށެވެ.

މުއިއްޒު ވަނީ މިސަރުކާރުން ކުންފުނިތަކަށް ނަގާފައިވާ އެކަކުވެސް ވަޒީފާއަކުން ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އެއްވެސް ބޭފުޅަކޫ އެއީ ސިޔާސީ މަގާމަކަށް ނުވަންޏާ ވަޒީއަކުން ވައްކެއް ނުކުރާނަމޭ، ސިޔާސީ މަގާމުތަކަކީ ކޮންމެ ސަރުކާރެއްވެސް ބަދަލުވީމަ އުވޭ އެއްޗެއް، ދެން އެސަރުކާރަކުން އެވެނެ މީހަކު ބަހައްޓަން ބޭނުން ވަންޏާ ދެން ބެހެއްޓިދާނެ، ދެން ހުރި ކުންފުނިތަކުގެ ވަޒީފާތައް، ފެނަކަ، އާރްޑީސީ ދެން އެކި މަގާމުތައް، ސްޓެލްކޯ މިހެން ގޮސް ކުންފުނިތައް، މިއިން އެއްވެސް ކުންފުނުންޏަކަށް މިސަރުކާރުން މިނަގާ އެއްވެސް އެއްވެސް ކުއްޖަކު އެއްވެސް ބޭފުޅަކު ވަޒީފާއަކުން ވައްކެތް ނުކުރާނަން،
މުއިއްޒު

މީގެ އިތުރުން ފެނަކަ އަދި އާރްޑީސީ ވެސް އުވާނުލާނެ ކަމަށާއި ނަމަވެސް އެކޮނޮމިކް އަދި އިގްތިސާދީ މިއޮތް ހާލަތު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ފެނަކަައިގެ މިސާލު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެކުންފުނި ހިންގުން ރަނގަޅު ކުރުމާއި ކުންފުނީގެ ދަރަނި މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ. އަދި އެކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިސާލަކަށް އެރަށުގެ ފެނަކައަށް ބޭނުންވަނީ 15 ކުދިން، މިހާރު ތިބީ 20 ކުދިން ނަގާފައި، އެހެންކަމަށްވާނަމަ އެފަސް ކުރިން އަޅުގަނޑުމެން ލާފާނެ ރަށުގަ ހުރި ސަރުކާރުގެ އެހެން މުއައްސަސަާއަކަށް، އެކަމަކު މުސާރައަކާށް ބަދަލެއް ނާންނާނެ، އެއްވެސް އެއްޗެއް އުންޏެއް ނުވާނެ،
މުއިއްޒު

މުއިއްޒު ވިދާޅުވީ، އިގުތިސާދީ ގޮތުން އަންނަ ކުރިއެރުން ތަކާއެކު ލިބޭ އާމްދަނީ އިތުރުވާ ވަރަކުން މިހާރަށްވުރެ ވެސް ރަނގަޅު މުސާރައެއް ދެއްވާނެ ކަމަށެވެ.