ރައްޔިތުންގެ މަޖިލިސް ހުއްޓުވާލާފައި އޮތުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތެއްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދޮގުކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު ވަގުތު ތަޅުމަށް ހާޒިރުވެ ތިބީ 17 މެންބަރުންނެވެ. 87 މެންބަރުން ތިބޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެންބަރުން ހާޒިރުވެވަޑައިގަތުމުންނެވެ. އެއީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއް ބައި މެންބަރުންނެވެ.

ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ބޭއްވުމުގައި ރައީސް ކަނޑައެޅިގެން ބައިވެރިވެ ވަޑައިގަންނަވައެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަން ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅުމައްޗަށް ނަންނަގަވައި ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް." ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަހު އުޅުއްވާފައިވާ ކަމަށާއި، މަޖިލީހުގައި ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކުގެ ދެމެދަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާ ކަމަށެވެ

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީ އަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ," ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ފާސްކޮށް ތަސްދީގުކުރުމަށް އެމަނިކުފާނަށް ފޮނުވަން ޖެހޭ ކަމަށާއި، އެ ގަރާރު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ.

"އެހެންވީމާ އެ ޕްރޮސެސް އެހެން އައިމާ އަޅުގަނޑު އެކަން ކުރާނަން,"

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ. އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ އިއްތިފާގުންނެވެ.